Ads by Farudhun

ޚަބަރު

ކޮޅުވެއްޓި ބަންޑުންޖަހާލައިގެން ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

ކޮޅުވެއްޓި ބަންޑުންޖަހާލައިގެން ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

އެމްއެންޑީއެފްގެ ޑައިވަރުން - ފޮޓޯ: އެމްއެންޑީއެފް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

02 އޯގަސްޓު 2026، 10:40

02 އޯގަސްޓު 2026، 10:40

ކ. ގާފަރު ކައިރިން ދަތުރުކުރަމުންދަނިކޮށް ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށްޓަކައި، ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރު ހިނގި މި ހާދިސާގައި، ގެއްލިފައިވާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ދަނީ ހުއްޓުމެއް ނެތްގޮތެއްގައި ކުރަމުންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ކަނޑުމަތީގެ އޮޕަރޭޝަންގައި ކޯސްޓްގާޑް ޝިޕް އިމާދުއްދީންގެ އިތުރުން ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކޮޅުވެއްޓި އަޑިއަށް ދިޔަ ސަރަހައްދު ކޯސްޓްގާޑުގެ ޚާއްޞަ ޑައިވަރުންގެ ޓީމަކުން ޑައިވްކޮށްގެން ބަލާފައިވާ ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު އެ ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ. ހާދިސާގައި ސަލާމަތްވި 8 މީހުން ވަނީ ވަގުތުން ގާފަރަށް ގެންގޮސްފައެވެ. ގާފަރު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ސަލާމަތްވި މީހުންގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތަކެއް ލިބިފައިވީ ނަމަވެސް، އެ އެންމެންގެ ހާލުވެސް މިހާރު ރަނގަޅެވެ.

ގެއްލުނު ދެ ބިދޭސީން ހޯދުމަށް މިހާ ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެ މީހުންގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މޫސުން ގޯސްވުމާއި ކަނޑު ގަދަވުމުގެ ސަބަބުން މިފަދަ ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450