ޚަބަރު
މިދިޔަ މަހު މިފްކޯއަށް ކިރުވި މަހަށް 49 މިލިއަނަށްވުރެ ގިނަ ރުފިޔާ
މަސްވެރިން. ފޮޓޯ: އިންޓަނެޓް
ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އަށް ކިރުވި މަހަށް 49 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޖުމްލަ 822 ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސް ކިރުވާފައެވެ.
މި ދޯނިތަކުން ޖުމްލަ 2،474.8 ޓަނުގެ މަސް ކިރުވާފައިވާއިރު، މި މަހަށް ޖުމްލަ 49،759،961 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިފްކޯއިން ކިރުވި މަހުގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހާއި ކަންނެލީގެ ބާވަތްތަކެވެ.
ކަޅުބިލަމަހުގެ މަސްވެރިކަމަށް ބަލާއިރު، ޖުމްލަ 539 ދޯންޏަކުން ވަނީ 2،400 ޓަނުގެ މަސް ކިރުވާފައެވެ. އަދި މީގެ އަގަށްވާ 47،959،840 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
ކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 98 ދޯނިން، 10 ކިލޯއިން މަތީގެ 11.7 ޓަނުގެ ކަންނެލި ކިރުވާ، 234،100 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 185 ދޯނިން، 15 ކިލޯއިން މަތީގެ 62.7 ޓަނުގެ ކަންނެލި ކިރުވާ، 1،566،021 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޖުލައި 2026 ގެ މަސް ރިޕޯޓު pic.twitter.com/1Sn3DCzIas
— MIFCO (@mifcomv) August 2, 2026
މި އަހަރު އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ އޭޕްރީލް މަހުއެވެ. އެ މަހު މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެންމެ މަދުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ، ޖޫން މަހުގައެވެ. އެ މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ، 11.3 މިލިއަން ރުފިޔާއެވެ.
ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ކުރިމަތިވަމުންދިޔަ އައިސް ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި ކ. އަތޮޅުގައި އޮންނަ ކަނޑުއޮތްގިރި އިންޑަސްޓްރިއަލް އައިލެންޑުން، މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތްދޭން ފަށްޓަވާފައެވެ.