ޚަބަރު
އެގްރޯނެޓުގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު
ޝަޒުހަތު ލަތީފް--
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ގދ.ތިނަދޫ، ވިނަވި، އަލްފާޟިލާ ޝަޒުހަތު ލަތީފް އައްޔަންކޮށްފިއެވެ.
ޕީސީބީއިން ވިދާޅުވީ އޭނާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، އޭނާ އައްޔަނުކޮށްފައި ވަނީ 2 އޮގަސްޓު 2026 ގައި ކަމަށެވެ.
ޝަޒްހަތު ލަތީފަކީ 2017 ވަނަ އަހަރުން ފެށިގެން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. ޝަޒްހަތުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ޚަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެއެވެ.
އޭގެ އިތުރުން އޭނާ ގެންދަވަނީ، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި، 'ބަޖެޓް ސްޓެޓިސްޓިކްސް ބުކް' އަދި 'ފިސްކަލް ރިސްކް ސްޓޭޓްމަންޓް' ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައި އިސް ދައުރެއް އަދާކުރައްވަމުންނެވެ.
ޝަޒުހަތު ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
އެގްރޯ ނެޝެނަލް ކޯޕަރޭޝަނަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކޮށް ވިއްކުމަށް އެހީތެރިވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.