Ads by Farudhun

ޚަބަރު

ޒަކާތު ފަންޑުން ޖޫންމަހު ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

ޒަކާތު ފަންޑުން ޖޫންމަހު ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

ޒަކާތް ބަލައިގަތުން. ފޮޓޯ: ޒަކާތު ހައުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޯގަސްޓު 2026، 06:23

02 އޯގަސްޓު 2026، 06:23

ޒަކާތު ފަންޑުން މިދިޔަ އަހަރުގެ ޖޫންމަހު ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫންމަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ބެހެނިވެރީންގެ އެކިދާއިރާތަކަށް ޖުމުލަ 18.8 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

ޒަކާތު ފަންޑުން އެކި ބައިތަކަށް ހޭދަކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން ފަޤީރުންނާއި މިސްކީނުންނަށް 16.9 މިލިޔަން ރުފިޔާ، ފީ ސަބީލިﷲ އަށް 1.4 މިލިޔަން ރުފިޔާ، ޢާމިލުންނަށް 256,000 ރުފިޔާ އަދި އިބްނުއްސަބީލަށް 85,000 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ބައިން ހޭދަކުރި 16.9 މިލިޔަން ރުފިޔާގެ ތަފްސީލަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި 13.1 މިލިޔަން ރުފިޔާ ބަހާފައިވެއެވެ. މީގެ އިތުރުން ބޯން މެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިޔަން ރުފިޔާ، ބޭސްފަރުވާގެ އެހީއަށް 1.3 މިލިޔަން ރުފިޔާ، ޟަރޫރީ އެހީއަށް 62,000 ރުފިޔާ އަދި ދަތި ޙާލުގައި އުޅޭ ކިޔަވާ ކުދިންނަށް 6,450 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފީސަބީލިﷲ ބައިން ޖުމުލަ 1.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް 626,534 ރުފިޔާ، ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 806,395 ރުފިޔާ އަދި ޒަކާތުގެ ދާއިރާއިން ދިރާސާކުރުމަށް 54,192 ރުފިޔާ ހިމެނެއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުވެފައެވެ. އެގޮތުން މިދިޔަ ޖޫންމަހު 21.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ ޖޫން މަހު ލިބުނު 10.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތަ އިތުރުވުމެކެވެ. އަދި ޖޫންމަހުގެ ނިޔަލަށް ޖުމުލަ 79.6 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 އިންސައްތަ އިތުރު އަދަދެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450