ޚަބަރު
ފަންނުވެރިކަމުގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ހަނދާންތައް ދިރުވައި އާލާކުރެވޭނެ: ހީނާ
މިނިސްޓަރު ހީނާ އިނާމު ދެއްވަނީ - ފޮޓޯ: ޕީއެސްއެމް
ކުރެހުމާއި ފޮޓޯގްރަފީ ފަދަ ފަންނީ ހަރަކާތްތަކަކީ ޤައުމީ މަތިވެރި ޖިހާދުތަކުގެ ޒިކުރާ އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، މިފަދަ މުބާރާތްތަކެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ މިނިވަންކަމުގެ އުފަލުގައި ރައްޔިތުން ބައިވެރިކުރުވުމާއި، މިނިވަންކަމުގެ ހަގީގީ މާނައާއި އެ ދުވަހާ ގުޅިފައިވާ އިހުސާސްތައް ކުރެހުމާއި ފޮޓޯގެ ޒަރިއްޔާއިން ދިރުވައި އާލާކުރުން ކަމަށެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ސަޤާފަތާއި ތާރީޚުގެ އިތުރުން ކާބަފައިން މި ޤައުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނީތަކުގެ ހަނދާންތައް އާކުރުމަށް ލިބޭ ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މުބާރާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޖުމްލަ 160 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށެވެ.
"160އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވޭ. މިކަމުން އަނގައިދިނީ ހުރިހާ ފަރާއްތަކުން މިފަދަ ކަންކަަމަށް އޮތް ޝައުގުވެރިކަން. ކުރެހުމާއި، ފޮޓޯ ނެގުމުގެ މިފަދަ މުބާރާތްކަކީ މި ފަދަ މުނާސަބަތުތަކާއި ގުޅިގެން ކުރިއަށް ގެންދިޔުމަަށް ވަރަށް މުހިންމު މުބާރާތްތަކެއް. މި އަންނަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ރަނގަޅު އިނާމުތަކާއެކު މިއަށްވުރެއް ފުޅާ ދާއިރާއެއްގައި މި މުބާރާތް ބޭއްވިގެންދާނެ"
ވަޒީރު ހީނާ ވިދާޅުވިއެވެ.
މި މުބާރާތުގައި ޖުމްލަ 74 ކުރެހުމެއް ބައިވެރިކޮށްފައިވެއެވެ. މުބާރާތް ބަހާލާފައިވަނީ ތިން އުމުރުފުރާއަކަށެވެ. އެއީ 10-15 އަހަރު (31 ކުރެހުން)، 16-20 އަހަރު (28 ކުރެހުން)، އަދި 21 އަހަރުން މަތީގެ އުމުރުފުރާ (15 ކުރެހުން) އެވެ.
16 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލި މި މުބާރާތުގައި ޖުމްލަ 90 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި ދެ މުބާރާތުގެ ކޮންމެ ގިންތިއަކުންވެސް އެންމެ މޮޅު ތިން ފަރާތް ހޮވައި، ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ. އެގޮތުން އެއްވަނައަށް 10,000 ރުފިޔާ، ދެވަނައަށް 6,000 ރުފިޔާ އަދި ތިންވަނައަށް 3,000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، މި މުބާރާތްތަކުން ހޮވުނު އެންމެ ފާހަގަކޮށްލެވޭ ކުރެހުންތަކާއި ފޮޓޯތައް އާންމުންނަށް ދައްކާލުމަށްޓަކައި ޚާއްޞަ މައުރަޒެއްވެސް ވަނީ އިންތިޒާމުކޮށްފައެވެ.