ޚަބަރު
ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުމަކީ މުޖުތަމަޢުގެ ބަދަހިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް: ޑރ. ޝަފީޢު
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު - ފޮޓޯ: ޕީއެސްއެމް
ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުމަކީ ބަދަހި އަދި އެކުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިނިވަން ދުވަހާ ގުޅުވައިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ދިވެހި އަބްޠާލުން ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ވާހަކަތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަށް ސްކޫލްތަކާއި ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ބައެއް ފަރާތްތަކުން ޤައުމީ ބަތަލުންނަށް ކުޑައިމީސްކޮށް ބަސްބުނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އެފަދަ އަމަލުތަކުން ދުރުހެލިވެ ބަތަލުންގެ ޒިކުރާ އާކުރުމަށް ބާރުއެޅުއްވިއެވެ.
ވަޒީރު ވިދާޅުވީ ކާބަފައިން މި ޤައުމުގެ މިނިވަންކަމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ނަމޫނާގައި ހިފަހައްޓައި، އަންނަން އޮތް ޖީލުތަކަށް ޤައުމުގެ މިނިވަންކަން ފޯރުކޮށްދިނުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރާކަމަަށެވެ.
"ދިވެހި ޤައުމުގެ މިނިވަންކަމަކީ ވަރަށް ބޮޑުކަމެއް. ތިޔަ ކުދިންގެ ކާބަފައިން ވަރަށް ބޮޑު ޤުރުބާނީއެއް ވަރަށް ބޮޑު ޖިހާދެއް އަދި ވަރަށް ބޮޑު ހިތްވަރަކާއެކު މި ޤައުމު ތި ކުދިންނާއި ހަމައަށް އައިސްފައިވަނީ. އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމައްޓަކައި ތި ކުދިން އަތުކުރި އޮޅާލަންޖެހޭ. ހިތްވަރުކުރަންޖެހޭ، ހިތުގައި އަޒުމް އާލާކުރަންޖެހޭ. ދިވެހި ޤައުމަށް ވަފާތެރިވާން. ދިވެހި ޤައުމުގެ ޝަރަފާއި ކަރާމާތް ހިފަހައްޓަން. ދިވެހި ޤައުމަކީ ތިޔަ ކުދިންގެ ފަހުން އަންނަ ޖީލުތަކަށް އަމާނަތްތެރިކަމާއެކު ވާސިލުކޮށްދިނުމައްޓަކައި މަސައްކަތްކުރަންޖެހޭ"
ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މިނސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމުދެކެ ލޯބިވާ، އެކުވެރި އަދި އުފާވެރި މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ޚާއްޞަކޮށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމާއި ޤައުމީ ރޫޙު ދިރުވުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.