ޚަބަރު
މަތިވެރީގައި ހޭންޑްބޯލް ކޯޓެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފި
މަތިވެރީގައި ހޭންޑްބޯލް ކޯޓެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލު ކުރުން - ފޮޓޯ: މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި ހޭންޑްބޯލް ކޯޓެއް ތަރައްގީކުރުމަށްޓަކައި ބަޔަކާ ހަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރެވެ.
އއ މަތިވެރީގައި އަޅާ މި ހޭންޑްބޯލް ކޯޓުގެ މަސައްކަތް މެގަލިންކްސްއާ ހަވާލުކޮށްފައިވަނީ 1,695,503.56 (އެއް މިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިން ރުފިޔާ ފަންސާސް ހަ ލާރި) އަށެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އަމަލީ މަސައްކަތް ފަށާތާ 90 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން މަތިވެރީގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ރަނގަޅު މާހައުލެއް ތަނަވަސްވެ، ރަށުގައި ހޭންޑްބޯލް ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.