ޚަބަރު
ބޮޑުތަކުރުފާނުމަގުގެ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް މިމަހުގެ 15 އަށް ނިންމާލަނީ
ބޮޑުތަކުރުފާނުމަގުގެ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގައި އަލަށް ތަރައްޤީކުރި ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕަމްޕު ވަޅުތައް ބެހެއްޓުމާއި ޕަމްޕުތައް ހަރުކުރުމުގެ ޢަމަލީ މަސައްކަތެވެ. ބޮޑުތަކުރުފާނުމަގުގެ މި ސަރަޙައްދު ޑިޒައިން ކޮށްފައިވަނީ ޒަމާނީ ސްޓޯމްވޯޓަރ ޑްރެއިނޭޖު ސިސްޓަމެއް (ފެން ހިންދާ ނިޒާމެއް) ހިމެނޭ ގޮތަށެވެ.
މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު، ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް މުޅިން ނުނިމެނީސް މަގު ހުޅުވާލީ، މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީން އިތުރަށް ވިދާޅުވި ގޮތުގައި، މި މަހުގެ 15 ގެ ކުރިން 3 ޕަމްޕު ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް ނިމޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ވިއްސާރަވެ މަގުގައި ފެންބޮޑުވާނަމަ، ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން މެދުނުކެނޑި ކުރަމުން ގެންދާނެއެވެ.
މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތެކެވެ. 1990 ގެ އަހަރުތަކުގައި މާލޭގެ މަގުތައް ހެދިފަހުން، އެކަށީގެންވާ މަރާމާތެއް ނުކުރެވި އޮތުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅާފައެވެ. މީގެ އިތުރުން، ނޯތު ހާބަރުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ސަރަޙައްދާއި، އަމީނީ މަގުގެ ބާކީ ބައިގެ އިތުރުން މާލޭގެ އެހެނިހެން މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.