ޚަބަރު
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
އެމްޓީސީސީއިން އަމީނީމަގު މަރާމާރުކުރަނީ ފޮޓޯ: ޕީއެސްއެމް
މާލޭގެ އަމީނީމަގުގެ ހުޅަނގު ފަރާތުން ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށް، މިއަހަރުގެ ޖަނަވަރީ މަހު މަސައްކަތް ނިންމާލި އަމީނީމަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްޞަކޮށް މަގުގެ ހުޅަނގަށް އޮންނަ ބައި ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ސަރވޭތައް މިހާރު ވަނީ ނިންމާލާފައެވެ. އަދި ފުރަތަމަ ސެގްމަންޓުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ.
މަގު މަރާމާތުކުރުމަށްޓަކައި މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށް ބަންދުކޮށްފައެވެ. ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ސަރަޙައްދު މިހާ އަވަހަށް ހަލާކުވާން ދިމާވީ ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންނެވެ. ޚާއްޞަކޮށް އެ ސަރަޙައްދަކީ ބަރު ބަސްތައް ދަތުރުކުރާ ސަރަޙައްދަކަށް ވުމަކީ ވެސް ތާރުގަނޑު ހަލާކުވުމަށް މެދުވެރިވި ސަބަބެކެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން އަމީނީމަގު ތަރައްޤީކުރި ނަމަވެސް، މަދު މަސްކޮޅެއްގެ ތެރޭގައި މަގު ހަލާކުވުމުން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
މަގު ބަންދުކުރުމާ ގުޅިގެން އެމްޓީސީސީން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރޫޓް-10 (އޯކިޑް ރޫޓް) ގެ ދަތުރުތައް ފަށާނީ އަދި ނިންމާނީ ވެސްޓް ޕާކު ބަސް ސްޓޮޕަށެވެ. އަދި މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރު، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ބަސް މަޑެއް ނުކުރާނެއެވެ. މީގެ އިތުރުން ރޫޓް-11 (އަމީނީމަގު ރޫޓް) ގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، އެހެނިހެން ބައެއް ރޫޓުތަކުގެ ބަސްތައް މާލޭގައި އެންމެ ފަހުން މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ.