ޚަބަރު
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އަޙްމަދު މަމްދޫހް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަޙްމަދު މަމްދޫހް ފޮޓޯ:ރައީސް އޮފީސް
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މަމްދޫހަށް މަޤާމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. ހުވައި ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މަމްދޫހަށް މަޤާމުގެ އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
އަޙްމަދު މަމްދޫހަކީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބެޗްލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
މަމްދޫހް ވަނީ މީގެ ކުރިން ސަރުކާރުގެ މަތީ މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުކަމާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އޭނާ އަދާކުރައްވާފައިވެއެވެ. މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ.