ޚަބަރު
ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ފޮޓޯ:ރައީސް އޮފީސް
ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛާ ފާޠިމަތު ދިޔާނާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި މަޤާމަށް ދިޔާނާ ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ދިޔާނާ ސަޢީދަކީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެކަމަނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލަރ އޮފް ލޯސް، ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން މާސްޓަރ އޮފް ލޯސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް)، އަދި އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯސް (އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯ) ހާސިލްކުރައްވާފައެވެ.
މީގެ އިތުރުން، ދިޔާނާއަކީ ރާއްޖެއާއި ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަގުނަ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކު) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފުވެސް އެކަމަނާ ވަނީ ހޯއްދަވާފައެވެ.
މީގެ ކުރިން އެކަމަނާ ފުރުއްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ.