ޚަބަރު
ދިވެހި ބަހާއި އިސްލާމް މާއްދާ ކިޔަވައިދޭ "ދަނަތު" ޕްލެޓްފޯމް އިފްތިތާޙްކޮށްފި
ދިވެހި ބަހާއި އިސްލާމް މާއްދާ ކިޔަވައިދޭ "ދަނަތު" ޕްލެޓްފޯމް އިފްތިތާޙްކުރުން. ފޮޓޯ: ދަނަތު ޖަމިއްޔާ
ހުލާސާ
ރާއްޖޭގެ ގައުމީ މަންހަޖުގެ މައިގަނޑު ދެ ތަނބު ކަމުގައިވާ ދިވެހި ބަހާއި އިސްލާމް މާއްދާއިން ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުކުރުމަށް އަމާޒުކޮށްގެން އުފެއްދި "ދަނަތު ލާނިން" ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ސީއެޗްއެސްއީ ހުޅުމާލޭގެ ލިލީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި މި ޕްލެޓްފޯމް އިފްތިތާޙްކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ހަސަން ޝާކިރު ޢަލީއެވެ.
ގިނަ ދަރިވަރުންނެއް އެސްއެސްސީ އަދި އެޗްއެސްއެސްސީ އިމްތިހާނަށް ތައްޔާރުވާއިރު، ފެންވަރު ރަނގަޅު ނޯޓްތަކާއި ފަރިތަކުރުންތައް އެއްތަނަކުން ނުލިބުމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. "ދަނަތު" އަކީ މި އުނިކަން ފޫބައްދައިދޭނެ އެންމެ ފުރިހަމަ ވަސީލަތެވެ. މި ޕްލެޓްފޯމްގެ ސަބަބުން ދަރިވަރުންނަށް އިންތިޒާމްވެފައިވާ އެއް މާހައުލަކުން ހުރިހާ މައުލޫމާތެއް ލިބިގެންދާއިރު، މުދައްރިސުންނަށް އޭއައިގެ އެހީގައި ފަސޭހަކަމާއެކު އިމްތިހާނު ކަރުދާސް ފަރުމާކޮށްލެވޭނެއެވެ. އަދި ބެލެނިވެރިންނަށް މާ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ތައުލީމީ އެހީތެރިކަން ދަރިފުޅަށް ހޯދައިދެވޭނެ މަގު ފަހިވެގެންދާނެއެވެ.
"ދަނަތު" ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ފެންވަރު ވަޒަންކުރެވޭނެ ގިނަ ވަސީލަތްތަކަކާ އެކުގައެވެ. އޭގެ ތެރޭގައި، މާއްދާތަކުގެ ބައިތަކަށް ވަކިވަކިން ހަދާލެވޭ "ޓާގެޓް ޓެސްޓް" ތަކާއި، އަސްލު އިމްތިހާނުގެ އިޙްސާސް ކުރެވޭ ފަދަ "މޮކް އެގްޒާމް" ތައް ހިމެނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ކުރިއެރުން މުދައްރިސުންނަށް ބަލާލެވޭނެ ޑޭޝްބޯޑެއްވެސް މި ޕްލެޓްފޯމްގައި ހިމެނެއެވެ. ޕްލެޓްފޯމްގައި ހިމެނޭ ހުރިހާ ފިލާވަޅުތަކަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (NIE) އަށް ރިވިއުކުރުމަށް ހުށަހެޅިފައިވާ، އިތުބާރު ހުރި މައުލޫމާތުތަކެކެވެ.
މި މަސައްކަތުގެ މޭސްތިރިއަކީ ދިވެހި އަދި އިސްލާމް މާއްދާއިން އޭލެވެލްގައި މުޅި ރާއްޖޭން އެންމެ މަތީ ނަތީޖާ ހޯދާފައިވާ މުޙައްމަދު ޝަޔާން ޝިޒާން އެވެ. އޭނާއާ އެކު މި މަސައްކަތުގައި ކޯ-ލީޑްގެ ގޮތުގައި އަލީ ދާނިޝް ޢަބްދުالله އާއި، ފަސް އަހަރަށްވުރެ ގިނަ ދުވަހު އިމްތިޙާނު ކަރުދާސް މާކުކުރުމުގެ ތަޖުރިބާ ހުރި 6 މުދައްރިސުންގެ ޓީމެއް ހަރަކާތްތެރިވެއެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަނަތު ޓީމުން ފާހަގަކުރި ގޮތުގައި، މި ޕްލެޓްފޯމަކީ ހަމައެކަނި ކިޔަވައިދޭ ވަސީލަތެއް ނޫނެވެ. "މިއީ ދިވެހި ބަހާއި އިސްލާމީ ސަގާފަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއް،" އެ ފަރާތުން ބުންޏެވެ. މި މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށާއި، ހާއްސަކޮށް ދިވެހި ބަހުގެ އެކެޑަމީއަށް އެ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއަދުން ފެށިގެން ދަނަތު ވެބްސައިޓަށް ޒިޔާރަތްކޮށް، މި ޕްލެޓްފޯމްގެ ހިދުމަތްތައް ހޯދުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.