ޚަބަރު
އޭސީސީ އާއި ސްޓެލްކޯއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި
އޭސީސީއާއި ސްޓެލްކޯއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމުގެ ފަހުމުނާމާއެއްގައި ސޮއިކުރުން. ފޮޓޯ: ސްޓެލްކޯ
ކޮރަޕްޝަން ހުއްޓުވުމަށާއި ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ދެމެދު މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.
މި ފަހުމުނާމާގެ މައިގަނޑު މަޤުސަދަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގުން ހުއްޓުވުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން ދެ އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ފަންނީ ލަފަޔާއި އިރުޝާދުތައް ސްޓެލްކޯގެ ހިންގުމުގެ ތެރޭގައި ތަންފީޒުކުރުން މި އެއްބަސްވުމުގައި ހިމެނެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ސްޓެލްކޯ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން… pic.twitter.com/1e6h3BWdsm
— STELCO (@STELCOMALDIVES) August 3, 2026
އޭސީސީން މައުލޫމާތު ދެއްވި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަކީ ނަޒާހަތްތެރި ބަޔަކަށް ހެދުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތަކުގައި ބޭނުންވާ ފަންނީ އެހީތެރިކަން އެ ކޮމިޝަނުން ފޯރުކޮށްދޭނެއެވެ. މިއީ ކުންފުނީގެ އެތެރޭގެ ނިޒާމުތައް ހަރުދަނާކޮށް، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ވަނީ އޭސީސީން ތަޙުޤީޤުކުރާ މައްސަލަތަކަށް ބޭނުންވާ މުހިންމު ލިޔެކިޔުމާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށާއި، ތަޙުޤީޤުތަކަށް ބޭނުންވާ މުވައްޒަފުން ހާޒިރުކުރުމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އެއްބަސްވެފައެވެ. އަދި ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް (ރިސްކް) ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މި ފަހުމުނާމާގެ ސަބަބުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމަށް މަގުފަހިވެ، ދެ އިދާރާގެ ވަޞީލަތްތައް ހިއްސާކޮށްގެން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ދެފަރާތުންވެސް އުންމީދު ކުރެއެވެ. މިއީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދެފުށް ފެންނަ، ނަޒާހަތްތެރި ނިޒާމަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.