ޚަބަރު
މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ފުލުހުން 21,354 އުޅަނދު ބަލައިފާސްކޮށްފި
ފުލުހުންތަކެއް މަގުމަތީގައި / ފޮޓޯ: ފުލުހުން
މި އަހަރުގެ ޖެނުއަރީ އެކަކުން ޖޫން 30 ގެ ނިޔަލަށް މާލޭގެ މަގުތަކުގައި ޓްރެފިކް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި 21,354 އުޅަނދު ބަލައިފާސްކޮށް، އޭގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާކޮށްފައިވާ ކަަމަށް ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާއްމު ކުރި މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި 181 ދުވަހުގެ ތެރޭގައި އުޅަނދުތައް ބަލައިފާސް ކުރުމުގެ ތެރެއިން 8,740 ފަހަރު ވަނީ ނަސޭހަތްދީފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 118 އުޅަނދު ފާސްކޮށް 60 ޖޫރިމަނާ ކުރެވިފައިވެއެވެ. މިއީ ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދެވެ. މަގުމަތީގެ ގަވާއިދުތައް ތަންފީޒުކޮށް އަމާންކަން ކަށަވަރުކުރުމަށްޓަކައި، މި މުއްދަތުގެ ތެރޭގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށްފައިވާއިރު، ސްކޫލް ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ޖުމްލަ 10,263 ހަރަކާތެއް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕާކިން މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އުޅަނދުތައް ޓޯކުރުމުގެ ބަދަލުގައި އަމިއްލައަށް އެ ތަކެތި ނެގުމަށް އެދުމުގެ ގޮތުން އުޅަނދުތަކުގެ ވެރިފަރާތްތަކަށް ޖުމްލަ 23,608 ފޯނު ކޯލު ފުލުހުން ކޮށްފައިވެއެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޖުމްލަ 3,417 އުޅަނދެއް ޓޯކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 3,336 ސައިކަލާއި ހަތަރުފުރޮޅުލީ 81 އުޅަނދެވެ. މީގެ އިތުރުން، ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1,080 އުޅަނދެއް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައި ވެއެވެ.
މި މުއްދަތުގައި ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލަކު ހަ މީހުންނެވެ. މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވި 71 އުޅަނދަކާއި، ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ. އަދި ފުލުހުންގެ އެކި ތަހުގީގުތަކާ ގުޅުންހުރި 348 އުޅަނދެއްގެ އިތުރުން، ގަވާއިދާ ހިލާފަށް ބަދަލުގެނެސްގެން ދުއްވި 32 އުޅަނދަކާމެދު ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.
ކުރެވުނު ޖުމްލަ 10,878 ޖޫރިމަނާ 59 ބާވަތެއްގެ ކުށަށް ބެހިފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2,249 ޖޫރިމަނާއެއް ކޮށްފައި ވެއެވެ. ޖޫރިމަނާ ކުރެވުނު މައިގަނޑު އެހެން ދާއިރާތަކުގެ ތެރޭގައި އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، ނަންބަރު ޕްލޭޓްގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ އިތުރުން، މުދާ އުފުލުމާއި ޓެކްސީ ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެންވެސް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މި ހުރިހާ މަސައްކަތްތަކަކީ ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.