ޚަބަރު
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަށް ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފި
ެުއުފެއްދުންތެރި ކަމުގެ މައުރަޒަށް ރައީސް މުޢިއްޒު ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވައިލައިފިއެވެ.
މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ބީސީސީ އިން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. ބީސީސީ އިން ވަނީ ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތަކާއި ފަނޑިޔާރުން ހޮވުމުގައި ބަލާނެ މިންގަނޑުތައް އާންމުކޮށްފައެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތަށް
ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި ހުށަހަޅާ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މައުރަޒުގެ އެއްވެސް ގިންތިއެއްގައި ވާދަކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ވާދަކުރާ ފަރާތަކާ އާއިލީ ނުވަތަ ވިޔަފާރީގެ މަސްލަހަތެއް އޮތް ފަރާތަކަށް ވެސް ވެގެން ނުވާނެ ކަމަށް ބީސީސީ އިން ބުނެއެވެ.
ފަނޑިޔާރުން ހޮވުމުގައި ބަލާނެ ކަންކަން
ފަނޑިޔާރުން ހޮވުމުގައި ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހުށަހަޅާ ގިންތިން ހާސިލުކޮށްފައިވާ ސަނަދުތަކާއި، އެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މުއްދަތާއި، މަސައްކަތަށް އަހުލުވެރި މިންވަރު ހިމެނެއެވެ. އަދި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރާއި، ކުރިން މިފަދަ މައުރަޒުތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ ތަޖުރިބާއަށް ވެސް އިސްކަންދެވޭނެއެވެ.
މައުރަޒުގެ އުފެއްދުންތަކަށް އިންސާފުކުރުން ކުރިއަށްދާނީ އޮކްޓޫބަރު 1 އިން 23 ގެ ނިޔަލަށެވެ. ފަނޑިޔާރުންގެ ޕޫލަށް ހޮވޭ ފަރާތްތަކަށް ސެޕްޓެންބަރު 15 އާއި 30 އާ ދެމެދު އޮރިއެންޓޭޝަން އަދި ޓްރެއިނިންގް ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަނޑިޔާރުކަންކުރާ މުއްދަތުގައި ބީސީސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން ހާއްސަ އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، މި މަހުގެ 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ބީސީސީ އިން ވަނީ އެދިފައެވެ.