ޚަބަރު
ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއު: 143،000 އަކަ މީޓަރުގެ ބިން ހިއްކައިފި
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ކ. ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ، 143،000 އަކަ މީޓަރުގެ ބިން ހިއްކާފައި ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ، ސޭންޑް ބަންޑްގެ މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން 143،000 އަކަ މީޓަރުގެ ބިން މިހާރުވަނީ ހިއްކާފައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ގިރިފުށީގެ ޓްރޭނިންގ ސެންޓަރަށް ބޭނުންވާ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މި ބޮޑު މަޝްރޫއަކީ، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރުތައް އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން، ފަށްޓަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ އިތުރަށް 13.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު، ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ބިން އިތުރުވެގެންދާނެއެވެ.
Project Update: K. Girifushi Land Reclamation, Shore Protection and Harbor Upgrade Works
— MTCC Plc (@MTCCPlc) August 4, 2026
Land reclamation has reached 143,000 CBM, while sand bund works are currently ongoing. #MTCCProjects #RayyithungeKunfuni pic.twitter.com/1RhXsPVpYl
އަދި މި މަޝްރޫއުގެ ދަށުން، އައްސޭރިފަށް ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުޅަނދުފަހަރު ކައިރިކުރުމަށްޓަކައި އެލް-ބްލޮކް ކީ-ވޯލް ޖެހުމާއި، ދަތުރުފަތުރުގެ ފަސޭހައަށްޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެއެވެ.