ޚަބަރު
ގެއްލުނު ދެ މީހުން ހޯދުމަށް އާއްމުންގެ އެހީއަށް އެދިއްޖެ
ބަންޑުންޖަހާލި ކޮޅުވެއްޓި. ފޮޓޯ: އެމްއެންޑީއެފް
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން އެމްއެންޑީއެފްއިން ދަނީ ކަނޑާއި ވައިގެމަގުން ކުރަމުންނެވެ.
އެގޮތުން، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓުން ވަނީ 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވެސް ބަލާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން، އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން 675120 އަކަ މީޓަރުގެ ސަރަހައްދެއް ވެސް ވަނީ ބަލާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއްނުވެއެވެ.
މި ހާދިސާ ހިނގިއިރު އެ ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ. ހާދިސާގައި ސަލާމަތްވި 8 މީހުން ވަގުތުން ގާފަރަށް ވަނީ ގެންގޮސްފައެވެ.
އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކާއި، އެ ހިސާބުގެ ރަށްތަކުން، އެ ދެ މީހުންނާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ ބައްލަވައިދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.
އަދި ގެއްލުނު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ، 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ. ފެކްސް ކުރައްވާ ނަމަ 3391665 އަށް ފެކްސް ކުރެއްވުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.