Ads by Farudhun

ޚަބަރު

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

މި ސިމްޕޯސިއަމްގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 އޯގަސްޓު 2026، 02:46

04 އޯގަސްޓު 2026، 02:46

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، މިއަދު ފަށައިފިއެވެ.

 މި ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްއެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސަތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މައުލޫމާތު  ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުމުގެ ބޭނުމުގައި ކުރިއަށްގެންދާ ސިމްޕޯސިއަމްއެކެވެ.

އަދި މިއީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުން ކަމުން މިއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ނުހަނު އަގުހުރި ފުރުސަތެއްކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި ސިމްޕޯސިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށްވާއިރު، އެންމެ ފުރަތަމަ ރާއްޖޭގައި މި ސިމްޕޯސިއަމް ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. 

މާދަމަގެ ނިޔަލަށް މި ހަރަކާތް ކުރިއަށްގެންދާއިރު، މި ސިމްޕޯސިއަމްގައި މި އަހަރު ޖުމްލަ 47 ދިރާސާއެއް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 32 އޯރަލް ޕްރެޒެންޓޭޝަނާއި 15  ޕޯސްޓަރ ޕްރެޒެންޓޭޝަނެވެ. މި ދިރާސާތައް މައިގަނޑު 5 ދާއިރާއަކަށް ބެހިފައިވާއިރު، އޭގެ ތެރޭގައި ފަރުތަކާއި މޫސުމަށް އަންނަ ބަދަލުތައް، މަސްވެރިކަން، ވެލާކަހަނބުގެ ދިރުންތައް، މިޔަރާއި މަޑީގެ އިތުރުން އައްސޭރިފަށުގެ ދިރުންތަކާ ގުޅޭ ދިރާސާތައް ހިމެނެއެވެ.

މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450