ޚަބަރު
ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ، ކޮންކްރީޓް ފުޓިންގް އެޅުމަށް ބޭނުންވާ ފްރޭމްވޯކް ހެދުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވާދެއްވީ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމެއެވެ.
މި މަޝްރޫއުގެ ދަށުން، 7,800 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބިންގަނޑު ކޮނުމާއި، މޭސަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދުލުމާއި، ދަގަނޑު މަސައްކަތްތަކާއި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ކުރުން ހިމެނެއެވެ.
Project Update: Construction of Health Center at Hdh. Kumundhoo
— MTCC Plc (@MTCCPlc) August 4, 2026
Excavation shuttering reinforcement works for concrete footings are ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/xL21D1HA7O
އަދި ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ވެސް ކުރުން ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހު ތެރޭގައި ނިންމުމަށެވެ. މަޝްރޫއުގެ އަގަކީ 27,262,552.40 ރުފިޔާއެވެ.