Ads by Farudhun

ޚަބަރު

މާލެ ސަރަޙައްދުގައި ހިމަބިހީގެ ކޭސްތައް ދަށަށް ދާކަމަށް އެޗްޕީއޭއިން ބުނެފި

މާލެ ސަރަޙައްދުގައި ހިމަބިހީގެ ކޭސްތައް ދަށަށް ދާކަމަށް އެޗްޕީއޭއިން ބުނެފި

ހިމަބިހި ޖެހިފައިވާ ކުއްޖެއް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 05:36

04 އޯގަސްޓު 2026، 05:36

ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު މަދުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެ އެޖެންސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން ހިމަބިއްސަށް ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި މާލެ ސަރަޙައްދުން ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން، އެޗްޕީއޭއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމަކަށް ވުމުން، ބަލި މޮނީޓަރކުރުމާއި، ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ އިތުރުން ވެކްސިން ދިނުމުގެ ޚާއްޞަ ކެމްޕޭނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި މެއި އަދި ޖޫން މަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ޖުލައި މަހުގެ މެދާ ހިސާބުން ފެށިގެން ކޭސްތައް ވަނީ މަދުވާން ފަށާފައެވެ. ނިމިދިޔަ ހަފްތާގައި ފެނުނު 13 ކޭސްއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 199 އަށް އަރާފައެވެ. ބަލިން ރައްކާތެރިވުމަށް މިހާތަނަށް 12,971 މީހަކަށް ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ޚާއްޞަކޮށް ހުމާއި ރޯގާއާއެކު ހަންގަނޑުގައި ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

ޗުއްޓީ ނިންމާލުމަށްފަހު މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުންވެސް ބަލީގެ އަލާމާތެއް ހުރިތޯ ބެލުމަކީ މުހިއްމު ކަމެކެވެ. ރަށަށް ދިއުމަށްފަހު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މީހުންގެ ތެރެއަށް ނުނިކުމެ މަޑުކުރުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. މީގެއިތުރުން، ސްކޫލް ކުދިންގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450