ޚަބަރު
ކަސްޓަމްސްގެ ޤާނޫނީ ޒިންމާތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ކަސްޓަމްގެ އިލްތިމާސެއް
ކަސްޓަމްސްގެ އޮފީސް. ފޮޓޯ: އިންޓަރނެޓް
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނުރަނގަޅު ވާހަކަތަކާ ގުޅިގެން، އެ މުއައްސަސާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކަސްޓަމްސްއިން ވަނީ އެ މުއައްސަސާގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މުއައްސަސާއާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، ލިބޭ މައުލޫމާތާއި ހޯދުންތަކަށް ރިއާޔަތްކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިންނެވެ.
ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން
މިގޮތަށް ބަލައިފާސްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ބޯޑަރުން ހިފެހެއްޓުމާއި، ދިވެހި ރައްޔިތުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ. މި ސަރުކާރުން ބޯޑަރުގެ ސަލާމަތަށް ހާއްސަ އިސްކަމެއް ދެއްވާއިރު، ކަސްޓަމްސްއިން ދަނީ މި މަސައްކަތްތައް ހަރުދަނާކަމާއެކު ކުރަމުންނެވެ.
ކަސްޓަމްސް އިން ވިދާޅުވީ، އެ މުއައްސަސާގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށާއި، މުއައްސަސާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، އެއްވެސް ފަރާތަކުން އަމަލުނުކުރެއްވުމަށް އިލްތިމާސްކުރަން." ބަޔާނުގައި ބުނެފައިވެއެވެ.
މި ދަނޑިވަޅަކީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުހަނު ފާރަވެރިވަމުންދާ ވަގުތެއްކަން ފާހަގަކޮށް، ކަސްޓަމްސްއިން ވަނީ އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.