Ads by Farudhun

ޚަބަރު

ހައްގު ނޫން މީހަކަށް ޒަކާތް ފަންޑުން އެހީއެއް ދީފައެއް ނުވާނެ: ވަޒީރު ޝަހީމް

ހައްގު ނޫން މީހަކަށް ޒަކާތް ފަންޑުން އެހީއެއް ދީފައެއް ނުވާނެ: ވަޒީރު ޝަހީމް

ވަޒީރު ޝަހީމް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 07:01

04 އޯގަސްޓު 2026، 07:01

ހައްގު ނޫން އެއްވެސް މީހަކަށް ޒަކާތު ފަންޑުން އެހީއެއް ނުލިބޭނެ ކަމަށާއި، އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ އެންމެ ހައްގުވެރި ފަރާތްތަކަށް ބަލައިގެން ކަމަށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު އަމީން ފާހަގަކުރެއްވި ގޮތުގައި، ޒަކާތު ފަންޑުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ލިބުމުގައި ދަތިތަކެއް ހުރިއިރު، ވަކި ޚާއްސަ ސްކީމްތަކެއްގެ ދަށުން ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނަށް ފަސޭހައިން އެހީ ލިބޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑު ތަރައްގީކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް އޭގެ ބޭނުންކުރެވޭ ގޮތްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އެހީ ދިނުމުގައި އަމަލުކުރާނެ ގާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޚާއްސަ ކޮމިޓީތަކެއްގެ ބެލުމުގެ ދަށުން މަސައްކަތްތައް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެކަންކަން ކުރިއަށްދާއިރު އެންމެ ހައްގުވެރިންނަށް އެހީ ދިނުމަށް މަސައްކަތް ކުރެވޭ. އެކަމަށް ހާއްސަ ކޮމިޓީތައް އެކަށައެޅިފައި އެބަހުރި. ހައްގު ނޫން މީހަކަށް ޒަކާތު ފަންޑުން އެހީއެއް ނުލިބޭނެ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އިދާރީ ގޮތުން އެއްވެސް ދަތިކަމެއް ހުރިކަން ފާހަގަކުރެވޭނަމަ އެކަންކަން ހައްލުކޮށް އިސްލާހުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

ސަރުކާރުން މިހާރު ވަނީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް އިފްތިތާޙުކޮށްފައެވެ. މި އިދާރާގެ މައިގަނޑު މަގުސަދަކީ ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރުމެވެ.

ޒަކާތު ހައުސް މެދުވެރިކޮށް ޒަކާތުގެ ނިޒާމު އައު ހަރުފަތަކަށް ގެންގޮސް، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުކޮށް، އޭގެ މަންފާ އެންމެ އެދެވޭ ގޮތެއްގައި ހައްގުވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ފުޅާކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450