ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖޫންމަހު 57.9 މިލިޔަން ރުފިޔާ ދޫކޮށްފި
އެންސްޕާގެ އޮފީސް. ފޮޓޯ: މިހާރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން މަހު 57.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރައްވައިފިއެވެ.
އެ އެޖެންސީން ވަނީ މިއަހަރުގެ އޭޕްރިލް، މެއި އަދި ޖޫން މަހުގެ ތަފްސީލީ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
އެންސްޕާގެ ދަފްތަރުގައިވާ ގޮތުން، ޖޫން މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ 15,652 މީހުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 9,046 ފިރިހެނުންނާއި 6,606 އަންހެނުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުންދާއިރު، އޭޕްރިލް މަހު 15,403 މީހުން އަދި މެއި މަހު 15,425 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ތެރަޕިއުޓިކް ފަރުވާ އާއި އެހެނިހެން އެހީތައް
ތެރަޕިއުޓިކް ފަރުވާގެ ޚަރަދުތަކަށް ބަލާއިރު، ޖޫން މަހު 7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ފަރުވާތަކަށް މެއި މަހު 12.7 މިލިޔަން ރުފިޔާ ޚަރަދު ކުރިއިރު، އޭޕްރިލް މަހު ޚަރަދު ކޮށްފައިވަނީ 7 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، އާއިލީ އެހީތެރިކަމެއްނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީގެ ދަށުން ޖޫން މަހު 98 ބެލެނިވެރިންނަށާއި 132 ކުދިންނަށް 181,000 ރުފިޔާ ދޫކޮށްފައިވެއެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ އެހީގެ ދަށުން، ޖޫން މަހު 659 ފަރާތަކަށް 26,360 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ޖުމްލައަށް ބަލާއިރު، އޭޕްރިލް މަހު 55 މިލިޔަން، މެއި މަހު 56 މިލިޔަން އަދި ޖޫން މަހު 57 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ
ފަޤީރު ހާލަތުގައި ދަރިން ބަލަހައްޓަމުންދާ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީތެރިކަން ލިބޭ ފަރާތްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ޖޫން މަހު އަލަށް 115 ބެލެނިވެރިންނާއި 218 ކުޑަކުދިން ރަޖިސްޓްރީ ކޮށްފައިވާއިރު، އެ މަހު ޖުމްލަ 3,240 ބެލެނިވެރިންނަށާއި، 5,551 ކުޑަކުދިންނަށް އެހީގެ ގޮތުގައި 16.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
މިއީ އޭޕްރިލް އަދި މެއި މަހާ އަޅާބަލާއިރު އިތުރުވުމެކެވެ. އޭޕްރިލް އަދި މެއި މަހު އެކަނިވެރި މައިންބަފައިންނަށް ދޫކޮށްފައިވަނީ މަހަކު 16.2 މިލިއަން ރުފިޔާއެވެ.