ޚަބަރު
އިޓަލީވިލާތުން 80،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
މި އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް 80،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު އިޓަލީވިލާތް ވެފައިވަނީ ރާއްޖެއަށް މިހާރު ހަތަރުވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީވިލާތުން ރާއްޖެއަށް 80,867 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 6.5 އިންސައްތައެވެ.
އިޓަލީވިލާތަކީ އާންމުގޮތެއްގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކުރާ ފަތުރުވެރިންގެ ލިސްޓުގައި އަބަދުވެސް ހިމެނޭ ގައުމެކެވެ. މިދިޔަ އަހަރު ނިމުނުއިރު އެޤައުމަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިޓަލީވިލާތުން 153,258 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އަދި 99،000އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ތިންވަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަ ދަށްވުމެއް ނަމަވެސް، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.