Ads by Farudhun

ޚަބަރު

އެންސްޕާގެ ރަޖިސްޓްރީގައި 526 ތެލަސީމިއާ ހުންނަ މީހުން ރަޖިސްޓަރ ކޮށްފައިވޭ

އެންސްޕާގެ ރަޖިސްޓްރީގައި 526 ތެލަސީމިއާ ހުންނަ މީހުން ރަޖިސްޓަރ ކޮށްފައިވޭ

އޮރެންޖް ހިޔާ.. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 09:38

04 އޯގަސްޓު 2026، 09:38

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ތެލަސީމިއާ ބަލި މީހުންގެ ގޮތުގައި ރަޖިސްޓްރީކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އެ އެޖެންސީގެ ދަފްތަރުގައި ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ 526 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫން މަހުގެ ތެރޭގައި އެކަނިވެސް އަލަށް 7 ކުދިން ވަނީ ރަޖިސްޓްރީކޮށްފައެވެ. ތެލަސީމިއާ ކުދިންނަށް ދޭ ޚާއްޞަ އެލަވަންސް ދޫކުރަން ފެށުމާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކުން އަންނަނީ އެންސްޕާގައި ރަޖިސްޓްރީވަމުންނެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި ތެލަސީމިއާ ބަލި މީހުންނަށް މާލީ އެހީގެ ގޮތުގައި ޖުމްލަ 1.05 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ތެލަސީމިއާ ދަފުތަރުގައި ޖުމްލަ 978 މީހުން ރެކޯޑުކޮށްފައިވެއެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 652 މީހުންނެވެ. މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި އަލަށް ރަޖިސްޓްރީވި ކުދިންގެ އަދަދުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން، އަދި 2025 ވަނަ އަހަރުގެ މެއިމަހާ ހަމައަށް 11 މީހުންނާއެކު ޖުމްލަ 40 ކުދިން ވަނީ އަލަށް ދަފްތަރުގައި ހިމެނިފައެވެ. އަތޮޅުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ތިބީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނެއެވެ. އެންމެ މަދުން ތެލަސީމިއާ މީހުން ތިބީ މ. އަތޮޅުގައި (3 މީހުން) ކަމަށްވާއިރު، ވ. އަތޮޅުގައި މި ބަލީގެ އެއްވެސް މީހަކު ނެތެވެ.

ތެލަސީމިއާ ކުދިންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. މީގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް، ޖުމްލަ 50 ކުދިންނަށް ބޯންމެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި މަޝްރޫއަށް ޖުމްލަ 50 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް ދޭ މާލީ އެހީތެރިކަމުގެ ދަށުން މިހާރު އަންނަނީ ކޮންމެ ކުއްޖަކަށް 2000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ. މިއީ މި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފެށި އެހީއެކެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450