ޚަބަރު
ބޭސް ރައްކާކުރަން ސަރަޙައްދީ ގުދަންތައް ހެދުމުގެ ވިސްނުން އެބަހުރި: ސްޓޭޓް ފާމާ
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މޯލްޑިވްސް ސްޓޭޓް ފާމަސޫޓިކަލްސް ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވިދާޅުވީ، އެސްޓީއޯއިން ކުރިން ބޭހުގެ ޚިދުމަތް ފޯރުކޮށްދިންއިރު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގުދަންތައް ތަރައްޤީކުރުމަށް ނިންމާފައި އޮތް ކަމަށެވެ. ނަމަވެސް، މިހާރު ބޭސް އެތެރެކުރުމުގެ މުޅި ޒިންމާ ސްޓޭޓް ފާމާއާ ހަވާލުކޮށްފައިވުމުން، އެސްޓީއޯގެ މައި ގުދަނާއި އެހެނިހެން ގުދަންތައް މިހާރު ބަލަހައްޓަމުންދަނީ އެ ކުންފުނިން ކަމަށް ފާހަގަކުރެއްވިއެވެ.
ޑރ. ޝާހް ވިދާޅުވި ގޮތުގައި، ލޮޖިސްޓިކްސް ކަންކަން ހަރުދަނާކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަސޭހައިން ބޭސް ފޯރުކޮށްދިނުމަށްޓަކައި ސަރަޙައްދީ ގުދަންތައް ހެދުމުގެ ވިސްނުން އެކުންފުނީގެ އެބަހުއްޓެވެ. ނަމަވެސް، މިވަގުތު މަސައްކަތްތައް ބައްޓަންކުރެވިފައިވަނީ މައި ގުދަނުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭސް ފޮނުވުމަށް ކަމަށާއި، ސަރަޙައްދީ ގުދަންތަކުގެ މަސައްކަތް މިހާރު އޮތީ ޕްލޭނިންގ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭސް ރައްކާކުރާނެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޚާއްޞަ އިސްކަމެއް ދޭކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއަށް ގެންނަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ މިންގަނޑުތަކަށް ފެތޭ، ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރާ ކަމަށާއި، އިތުރު ބޭސްތައް ރާއްޖެއަށް ތަޢާރަފްކުރުމަށްޓަކައި ބައިނަލްއަޤްވާމީ ބޭސް އުފައްދާ ކުންފުނިތަކާއެކު މިހާރު މަސައްކަތް ފަށާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
ސްޓޭޓް ފާމާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭހުގެ ސްޓޮކް ބެލެހެއްޓުމާއި ބޭސް ހުރި މިންވަރު ދެނެގަތުމަށްޓަކައި ޒަމާނީ ޑިޖިޓަލް ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ބާރުގަދަ މިނެއްގައި ކުރިއަށެވެ. މި ސިސްޓަމްގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދެވަނަ މަރުހަލާ ނިމިގެންދާނެއެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް ބޭސް ހުރި ތަންތަނާއި މިންވަރު އެނގި، ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.