ޚަބަރު
'ޔުނައިޓް ގްލޯބަލް ސަމިޓް 2026' ކާމިޔާބީއާއެކު ނިންމާލައިފި
މި ސަމިޓުގެ ތެރެއިން. ފޮޓޯ: ވުޒާރާ
2026 އޮގަސްޓް 03 އިން 04 އެށް ކުރިއަށްދިޔަ "ޔުނައިޓް ގްލޯބަލް ސަމިޓް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފިލިޕީންސްގެ މެނިލާގައި ކުރިއަށްދިޔަ މި ސަމިޓުގައި، ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަމިޓުގެ ތެރެއިން ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވާ، މުހިންމު ދާއިރާތަކުން ބަޔާންތައް ދެއްވާފައެވެ.
ޔުނައިޓް ގްލޯބަލް ސަމިޓަކީ މަޖިލިސް މެންބަރުންނާއި ދުނިޔޭގެ ސިއްހީ ދާއިރާގެ އިސްވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ދުނިޔޭގެ އެންމެ އިސް އެއް ފޯރަމެވެ. ކެނެޑާގެ ޚާރިޖީ އަދި ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރިސާޗް ފަންޑެއް ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރު (އައިޑީއާރުސީ) އާ ގުޅިގެން ބާއްވާ މި ސަމިޓުގެ ފަސްވަނަ ބައްދަލުވުމުގައި މިއަހަރު އަލިއަޅުވާލީ "ޞިއްޙީ ފަރަގު ކުޑަކުރުން: އިންވެސްޓްކުރުމަށް ސިޔާސީ ހިތްވަރު" މި މައުޟޫއަށެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ނުތަނަވަސްކަމާއި، ހަމަހަމަކަން ގެއްލިފައިވާ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ޓަކައި، ސިޔާސީ އިސްވެރިންގެ ބައިވެރިވުމާއި އިސްނެގުން ވަރަށް މުހިންމުކަން ސިއްހަތާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. ސިޔާސީ މަސައްކަތްތަކުގައި ސިއްހީ ދާއިރާއަށް އިސްކަންދިނުމަށާއި، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް މި ސަމިޓުން ވަނީ، މަޖިލިސް މެންބަރުންނާއި ކަންކަމުގައި ގޮތް ނިންމާ އިސްފަރާތްތަކުގެ އަރިހުގައި އެދިފައެވެ.
އަދި އެއްވެސް މީހަކު ބާކީނުކޮށް، އެންމެންނަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ސިޔާސަތުތަކަށް ތާއީދުކޮށް ކުރިއެރުވުމަށް ވެސް ވަނީ އެދިފައެވެ. މީގެއިތުރުން، ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކާ ގުޅިގެން ސިއްހީ ނިޒާމު ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް، މުޅި މުޖުތަމައަށް އޭގެ ސަބަބުން ކުރާނެ ފައިދާތަކާ މެދު ވެސް މި ސަމިޓުގައި މަޝްވަރާކޮށްފައިވެއެވެ.
ވަޒީރު ޤީލާ ވަނީ، ސަމިޓުގެ ދެ ސެޝަންގައި ، ދެ ދާއިރާއަކުން ރާއްޖޭގެ ތަސައްވުރު ހުރިގޮތް ހާމަކުރައްވާފައެވެ. އެއީ "ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ދާއިރާއަށް ފައިސާ ހޯދުމަށް ދުނިޔޭގެ ފެންވަރުގައި އިސްވެރިންގެ މަޝްވަރާތައް ކުރުން" އަދި، " ދުންފަތް ކޮންޓްރޯލް ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދުން" އެވެ. މި ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، މިކަމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ވަޒީރު ހިއްސާކުރެއްވިއެވެ.
މި ސަމިޓުގެ ތެރެއިން ވަޒީރު ވަނީ، ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ މޭލިން ބެލްޓްރަން އާއި، ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަންގެ ކޮމިޝަނަރ ޑރ. ޝާލީ ކަސްޓެނެޑާ އަގްރުޕިސް އާއެކު ވަކިވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ޕެންޑެމިކް ފަންޑުގެ އެގްޒެކެޓިވް ހެޑް ޕްރިޔާ ބާސޫ އާއި ޔުނައިޓްގެ ރައީސް ޑރ. ރިކާޑޯ ބަޕްޓިސްޓާ ލެއިޓޭއާ ބައްދަލުކުރައްވައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެއް ބޯޑް މެންބަރެއްގެ ހައިސިއްޔަތުން، ޕެންޑެމިކްތަކަށް ތައްޔާރުވުމަށާއި، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި ރާއްޖެއިން ދޭ އިސްކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ޔުނައިޓްގެ މަގުސަދުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެއްވިއެވެ.
އަދި ވަޒީރު ވަނީ، ފިލިޕީންސްގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. ދަރިވަރުންނާ ބައްދަލުކުރައްވާ، ހާލަތު އޮޅުންފިލުއްވައި، ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރެއްވިއެވެ.
އަދި ހަމައެހެންމެ ވަޒީރު ޤީލާ ވަނީ ފިލިޕީންސްގެ މެނިލާގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް، މިސްޓަރ ބެނިޓޯ ސީ. ބެންގްޒޮން ޖޫނިއަރއާ ވެސް ބައްދަލުކުރައްވާފައެވެ.
މި ސަމިޓަކީ ދުނިޔޭގެ ސިއްހީ ދާއިރާގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ސިއްހީ ވުޒާރާއިން ފާހަގަކުރައްވައެވެ.