ޚަބަރު
ބަޔޮލޮޖިކަލް ޑައިވާސިޓީއާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވަނީ
ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތައް. ފޮޓޯ: ވުޒާރާ
ބަޔޮލޮޖިކަލް ޑައިވާސިޓީއާ ބެހޭ މުއާހަދާގެ ދަށުން ބާއްވާ "ސަބްސިޑިއަރީ ބޮޑީ އޮން އިމްޕްލިމެންޓޭޝަން" (އެސް.ބީ.އައި-7) ގެ ހަތްވަނަ ބައްދަލުވުމުގައި ބައިވެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ކެންޔާއަށް ފުރައިފިއެވެ.
އޮގަސްޓު މަހުގެ 4 އިން 12 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ، މޫސުމީ ބަދަލުތަކާއި ބެހޭ ވުޒާރާގެ، ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮންސަވޭޝަން ޑރ. އިލްހާމް އަތޯ މުޙައްމަދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާޠިމަތު އުސްރާއެވެ.
މިއީ، ބަޔޮލޮޖިކަލް ޑައިވާސިޓީ ނުވަތަ ދިރުންތަކުގެ މުއްސަނދިކަން ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި ކުރިއެރުންތަކާ މެދު މަޝްވަރާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ދިވެހިރާއްޖޭގެ ވަފުދުން މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވަކާލާތު ކުރާނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ބަޔޮލޮޖިކަލް ޑައިވާސިޓީއާ ގުޅޭ ކަންކަމުގައި ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރުކުރުމަށެވެ. އަދި މިފަދަ އެހީތައް ދޭއިރު، ގައުމުތަކުގެ އަމިއްލަ އިސްނެގުމާއެކު ހިންގާ މަޝްރޫއުތަކަށް އިސްކަންދިނުމަށާއި، އެ ގައުމުތަކުގެ ގައުމީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ބައްޓަންކުރުމުގެ މުހިންމުކަން ރައްޖޭގެ ފަރާތުން ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.
އަދި ހަމަ އެހެންމެ، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަކީ އެ ގައުމެއްގެ އަމިއްލަވަންތަކަން ހިމެނޭ ގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލުމަށް ވަނީ ހަމަޖެހިފައެވެ.
Director, Environmental Conservation Dr. Ilham Atho Mohamed and Principal International Relations Officer, Ms. Fathmath Usra, will be participating in the Seventh meeting of Subsidiary Body on Implementation (SBI-7) of the Convention on Biological Diversity from 4 to 12 August… pic.twitter.com/zCzHw0ThKp
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 4, 2026