ޚަބަރު
އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
އުކުޅަހު 50 ހައުސިން ޔުނިޓްގެ ބިންގާއެޅުން. ފޮޓޯ: ރައީސް އޮފީސް
އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އުކުޅަހުގައި ބޭއްވި މި ރަސްމިއްޔާތުގައި ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އިބްރާހިމް އަޒީމް ބައިވެރިވެވަޑައިގެންނެވިެއެވެ. އަދި އެ ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އަލްޓެކް މޯލްޑިވްސްއާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ. އެއްބަސްވުމުގައިވާ ގޮތުން 1 އަހަރާއި 7 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމަންޖެހެއެވެ. މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫޢު ކުރިއަށްދަނީ އުކުޅަހުން އަލަށް ހިއްކާފައިވާ ސަރަޙައްދުގައެވެ. 2023 ވަނަ އަހަރު އެ ރަށުން ހިއްކި 13 ހެކްޓަރުގެ ބިމުން، ހައުސިން ޔުނިޓްތަކުގެ އިތުރުން 250 ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހަށް މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އުކުޅަހުގެ ތަރައްޤީއަށް ކުރިއަށްގެންދާ އެހެން މަޝްރޫޢުތަކުގެ ތެރެއިން އެ ރަށުގައި 5 ޓަނުގެ އައިސްޕްލާންޓެއް ޤައިމުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫޢުގެ އެއްބަސްވުމުގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.