ޚަބަރު
2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި. ފޮޓޯ: އިންޓަނެޓް
ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މީހާ އަތުލައިގަނެފައިވަނީ 19 ޖުލައި 2026 ވަނަ ދުވަހުގައި ކަމަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ދިރުވާލައިގެން އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1180 ގްރާމް ހުރި އިރު އެއީ 66 ކޮކެއިން ބުލެޓް ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) August 5, 2026
🔹ތާރީޚް: 19 ޖުލައި 2026
🔹ބާވަތް: ކޮކެއިން
🔹ބަރުދަން: 1180 ގްރާމް (66 ބުލެޓް)
🔹މަަގުމަތީއަގު: 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/P3QzHiOoJh
މި ތަކެތީގެ މަގުމަތީ އަގަށް ބަލާއިރު، ގާތްގަނޑަކަށް 2.9 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މިފަދަ މައްސަލަތަކާއ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގު ކުރިއަށް ގެންދިއުމަށް ޓަކައި އަތުލައިގަނެވޭ މަސްތުވާތަކެތި ހަވާލުކުރެވެނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެވެ.
ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކަސްޓަމްސްއިން ހާއްސަ ސަމާލުކަމެއްދީ، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.