ޚަބަރު
ދިޔަވި ދޯނި ދަތުރުކުރަމުންދިޔައީ ތ. މަޑިފުށިން ފުރައިގެން ކަމަށް ފުލުހުން ބުނެފި
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ އިދާރާތަކުން ދަނީ ކުރަމުން
ރޭ ދިޔަވެ އަޑިއަށް ގޮސްފައިވާ "ފްރެންޑް 4" ދޯނި ދަތުރުކުރަމުންދިޔައީ ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި، އެ ދޯނީގެ ކެޕްޓަނާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލަކު ގެއްލިފައިވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ކުރަމުންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ސަޕްލައި ދޯންޏަކީ 2026 އޯގަސްޓް 2 ވަނަ ދުވަހު ތިލަފުށިން ހިލަ އާއި ހިލަވެލި ފަދަ މުދާ ބަރުކޮށްގެން އެކި ރަށްރަށަށް ދަތުރުކުރަމުންދިޔަ ދޯންޏެކެވެ. މި ދޯނި ތ. މަޑިފުށިން ފުރައިގެން ހުވަދޫ ކަނޑުން ދަތުރުކުރަމުން ދަނިކޮށް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 22:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުއެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
ކުރިން ފުލުހުން މައުލޫމާތު ދީފައިވަނީ މި ދޯނި ދަތުރުކުރީ ލ. އަތޮޅުން ފުރައިގެން ކަމަށެވެ. ނަމަވެސް ފަހުން ފުލުހުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ދޯނި ފުރާފައިވަނީ ތ. މަޑިފުށިން ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދޯނި ވަނީ މުދަލާއެކު އެއްކޮށް އަޑިއަށް ގޮސްފައެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.
މޫސަ
06/08/2026 15:41
ކީއްވެތަ އެހީވަން އުޅުނު ކޮޅުވެއްޓި ވާހަކަ އެއްވެސް ހަބަރެއްގަ ޖަހަަފަ ނެތީ