Ads by Farudhun

ޚަބަރު

ރުކުމަޑިއަށް ހަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒު ހުޅުވައިފި

ރުކުމަޑިއަށް ހަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒު ހުޅުވައިފި

މި މަރުކަޒު ހުޅުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޯގަސްޓު 2026، 04:09

06 އޯގަސްޓު 2026، 04:09

ރުއްތަކަށް ގެއްލުންދޭ ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ނައްތާލުމަށް ޓަކައި، ގުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ 'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު' ރަސްމީކޮށް ހުޅުވައިފިއެވެ.

ހދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމުކުރި މި މަރުކަޒު ހުޅުއްވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުއަހުމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާގެ އިތުރުން ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރަކީ ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ބިނާކުރި ތަނެކެވެ. މި މަޝްރޫއުގެ ދަށުން ވެވުނު 'އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް' އެއްބަސްވުމުގައި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއެކު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.

މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ޕެސްޓްތައް ދެނެގަނެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އެކަންކަން ހައްލުކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމެވެ. މިގޮތުން، ރުކުމަޑިއަށް ހަމަލާދޭ ސޫފިތައް (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލި ފެތުރިފައިވާ ރަށްރަށަށް ދޫކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަލަށް ހުޅުވި މި މަރުކަޒުގައި ދުވާލަކު އެއްލައްކަ ޕެރެސިޓޮއިޑް އުފެއްދުމުގެ ގާބިލުކަން ހުންނާނެއެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް (Brontispa longissima) ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅު މި މައްސަލަ ވުޒާރާގެ  ސަމާލުކަމަށް އައުމާ ގުޅިގެން، މި ޕެސްޓް ފެތުރުން ހުއްޓުވުމަށާއި ރާއްޖެއިން އެ ނައްތާލުމަށްޓަކައި މިއަދާ ހަމައަށްވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން، ވުޒާރާގެ އެދުމުގެ މަތިން އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން، މި ޕެސްޓުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް "އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޕިޑް ބީޓްލް" މަޝްރޫއު 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވަނީ އިފްތިތާހުކޮށްފައެވެ.

މި މަޝްރޫއުގެ ތެރެއިން ރުކުމަޑި ކޮންޓްރޯލްކުރުމަށް ޕެރަސިޓޮއިޑް އާލާކޮށް ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 

މީގެ އިތުރުން، ރުށް އެތެރެކުރުމުގެ ގަވާއިދުތައް ހަރުދަނާކުރުމާއި، ރަށްރަށުގެ މެދުގައި ރުށް އުފުލުމުގައި ސަމާލުވާންޖެހޭ ކަންކަން ކައުންސިލްތަކަށް އަންގައިދިނުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ކަރަންޓީން މިންގަނޑުތައް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ރުކުމަޑިއާއި ހުދުކޫޑީގެ ސަބަބުން ރުއްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި ފެށުނު އާ މަޝްރޫއާއެކު މިފަދަ ބަލިތައް ދާއިމީކޮށް ކޮންޓްރޯލްކޮށް ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450