ޚަބަރު
ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ ލިބިއްޖެ
ތިލަފުށީ ޕޯޓް. ފޮޓޯ:އެމްޕީއެލް
ނިމިދިޔަ ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މޭމަހު ލިބުނު 322 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހު ރާއްޖެއަށް ޖުމްލަ 6.7 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. މިއީ މޭމަހު އިމްޕޯޓުކުރި 5.5 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން އިންނެވެ. އެ ގައުމުން 1,601 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 1,502 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން ވަނީ 922 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.
އިމްޕޯޓު ކުރި ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން 1.8 ބިލިޔަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން 1.7 ބިލިޔަން ރުފިޔާގެ ކެއުމުގެ ބާވަތްތަކާއި، 972 މިލިޔަން ރުފިޔާގެ މެޝިނަރީއާއި އެހެނިހެން ސާމާނު ޖޫންމަހު ރާއްޖެއަށް އެތެރެކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެކްސްޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހު ރާއްޖެއިން 153 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 95 މިލިޔަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މުދާ ބޭރުކުރި އިނގިރޭސިވިލާތަށް 23 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، އިންޑިއާއަށް 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ރިޕޯޓުގައިވެއެވެ.