Ads by Farudhun

ޚަބަރު

އަމާޒަކީ ނޮވެމްބަރަށް އަމީނީ މަގުގެ މަރާމާތު މުޅިން ނިންމާލުން: އެމްޓީސީސީ

އަމާޒަކީ ނޮވެމްބަރަށް އަމީނީ މަގުގެ މަރާމާތު މުޅިން ނިންމާލުން: އެމްޓީސީސީ

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޯގަސްޓު 2026، 04:56

06 އޯގަސްޓު 2026، 04:56

މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ހާމަކޮށްފިއެވެ. މި މަސައްކަތަކީ އަމީނީ މަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިދިޔަ ސަރުކާރުން ތަރައްޤީކުރި އަމީނީ މަގުގެ ހާއްސަކޮށް ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އޮގަސްޓް 3 ވަނަ ދުވަހު ފަށާފައިވަނީ، މަގުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދިޔަ ސާވޭގެ މަސައްކަތްތަކަށް ފަހުގައެވެ.

މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އަމީނީ މަގު ބަންދުކޮށްފައެވެ. މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ 1.79 ކިލޯމީޓަރުގެ މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ.

އަމީނީ މަގުގެ އިތުރުން، މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ނަމަވެސް އެ މަޝްރޫޢުގައި ބާކީ އަދި އެއް ސެގްމެންޓް އޮތްއިރު، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަހައްދުގައި ހުރި އަޑިގުޑަންތައް މަރާމާތުކުރުމަށްވެސް އެމްޓީސީސީން ވަނީ ނިންމައިފައެވެ.

މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450