ޚަބަރު
ހުޅުމާލޭގައި 70 މެގަވޮޓްގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ސްޓެލްކޯ
ސްޓެލްކޯ
މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާތީ ކަރަންޓުގެ ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން، ހުޅުމާލޭގައި 70 މެގަވޮޓްގެ ނިއު މީޑިއަމް ސްޕީޑް އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ޑިމާންޑަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ހުޅުމާލޭގައި އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރާނެކަން ހާމަކުރެއްވީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. ޑރ. އަޒުވަރު ވިދާޅުވީ، މީގެ ކުރިން އާބާދީ އިތުރުވާ ވަގުތުތަކުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރީ ހައި ސްޕީޑް ޖެންސެޓުތަކެއް ކަމަށެވެ.
ނަމަވެސް، ކުރިއަށް އޮތް އަހަރާއި 2028 ވަނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއް ތަރައްގީކުރުމަށް ޕްލޭންކުރެވިފައިވާކަމަށް އަޒުވަރު ވިދާޅުވިއެވެ. މި އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
މާލެ ސަރަހައްދުގައި އާބާދީ އެންމެ ބޮޑުވަމުން އަންނަނީ ހުޅުމާލޭގައެވެ. ސަރުކާރުން މިހާރު ތަރައްގީކުރަން ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތް ނިމުމާއެކު ހުޅުމާލޭގެ އާބާދީ އިތުރަށް ބޮޑުވެގެންދާނެތީ، ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
މި މަޝްރޫއުގެ އިތުރުން، ސަރުކާރުން މިހާރު އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިހާރު ބޭނުންކުރަމުންދަނީ 50 މެގަވޮޓްގެ އިންޖީނުގެއެކެވެ.