ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖް ތަކެއް. ފޮޓޯ: ކަސްޓަމްސް
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން ކަސްޓަމްސްއިން ކުރިއަށްގެންދާ ހަރުދަނާ އޮޕަރޭޝަންތަކުގެ ތެރެއިން އަތުލައިގަނެވުނު ތަކެއްޗެވެ.
މިދިޔަ ޖޫން މަހުވެސް ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ. އެގޮތުން، އެކި ފަހަރުމަތިން ޖުމްލަ 28,637 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ވޭޕު ބޭނުން ކުރުމާއި، ވިއްކުމާއި، ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ، 15 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގައިވާ ގޮތުން، ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި، އެއާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.