ދީން / ޚަބަރު

ޙަޤީޤީ މުސްލިމެއްގެ ސިފައަކީ އަނެކުންނަށް އޯގާތެރިވުމާއި، މީސްތަކުންނަށް އުނދަގޫ ނުކުރުން: ޚުޠުބާ

ޙަޤީޤީ މުސްލިމެއްގެ ސިފައަކީ އަނެކުންނަށް އޯގާތެރިވުމާއި، މީސްތަކުންނަށް އުނދަގޫ ނުކުރުން: ޚުޠުބާ

މުސްލިމުން އެކަކު އަނެކަކަށް އޯގާތެރިވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2026، 01:18

07 އޯގަސްޓު 2026، 01:18

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަކީ ދީނުގެ ފުރިހަމަކަން ހާމަކޮށްދޭ މުހިންމު ބައެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކި ސަރަޙައްދުތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ގިނަ ބަޔަކު މިއަދު ގަބޫލުކުރަނީ ނަމާދާއި، ރޯދައާއި، ޙައްޖާއި ޒަކާތް ފަދަ ފަރުޟު އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަތައް އަޅުގަނޑުމެންގެ ތެރޭގައި ހުރިކަން ޚުޠުބާގައި ހިތާމައާއެކު ފާހަގަކުރިއެވެ.

ޚުޠުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަކީ އަޅުގަނޑުމެންނަށް އޮތް އެންމެ ރިވެތި ނަމޫނާ ކަމަށެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނާއި، އަޞްޙާބުންނާއި، އަވަށްޓެރިންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތު ކުރެއްވުމުގައި ވެސް ގެންގުޅުއްވީ އިންތިހާ ދަރަޖައިގެ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ގޮތުން، ﷲ ގެ ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ މީހަކަށް ރަސޫލާގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ.

މީގެ އިތުރުން، މަޑުމައިތިރިކަމުގެ މުހިންމުކަން ހާމަކޮށްދެއްވަމުން، ދުނިޔޭގައި ކިބުރުވެރިވެ ކަލާނގެކަމަށް ދަޢުވާކުރި ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވިއިރު ވެސް، މަޑުމައިތިރި ބަހުން ވާހަކަ ދެއްކެވުމަށް މާތް ﷲ އަމުރުކުރެއްވިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. މިއީ ދީން ގަބޫލުނުކުރާ މީހުންނާ މުޚާޠަބުކުރާއިރު ވެސް އިސްލާމްދީން ބާރުއަޅާ ގޮތް ކަމަށްވާތީ، މުސްލިމް އަޚުން އެކަކު އަނެކަކާ މުޢާމަލާތުކުރާއިރު އޯގާވެރިވުން މާ އައުލާކަން ބޮޑުކަން ފާހަގަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި:

  • ޙަޤީޤީ މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ.
  • މަޑުމައިތިރިކަމުގެ ސިފަ ލިބިފައިވާ މީހާއަށް ހުރިހާ ހެޔޮކަމެއްގެ ނަސީބު ލިބިއްޖެއެވެ.
  • އިސްލާމްދީން ދުނިޔޭގައި ފެތުރުނީ ވެސް މުސްލިމުންގެ ރިވެތި އަޚުލާޤާއި އޯގާވެރިކަމުގެ ސަބަބުންނެވެ.
  • ނަރަކަ ޙަރާމްކުރެއްވިގެންވަނީ މީސްތަކުންނަށް އޯގާތެރި، މަޑުމައިތިރި، އަދި ގާތްކަން ބަހައްޓާ މީހުންނަށެވެ.
  • ހަރުކަށި، އަދަބުކުޑަ، އަދި ކިބުރުވެރި މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ.

ޚުޠުބާ ނިންމާލާފައިވަނީ، ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑުތަކުގެ ތެރޭގައި ތިބުމަށާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތިންނަށް ރިޢާޔަތްކުރުމަށް ނަޞޭޙަތްތެރިވަމުންނެވެ. އަދި ރުޅި އަންނަ ހިނދު ބަދަލުހިފުމުގެ ބަދަލުގައި މަޢާފުކުރުން އިސްކުރުމަކީ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭނެ ކަމެއް ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450