ޚަބަރު
ފުލުހުންގެ "ރޯޑްޝޯ"އެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި
ރޯޑްޝޯގެ ތެރެއިން. ފޮޓޯ: ފުލުހުން
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ށް ހުޅުމާލޭގައި “ރޯޑްޝޯ" އެއް ކުރިއަށް ގެންގޮސްފިއެވެ.
ފޭސް 1 އަދި 2 ގެ އެކި ސަރަހައްދުތަކުގަމި ހަރަކާތް ހުޅުމާލޭގެ ޓްރެފިކް ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ 06 އޮގަސްޓުގައެވެ. މި ހަރަކާތުގައި ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ވެސް ވަނީ ބައިވެރިވެފައެވެ.
މިއީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް ވީހާވެސް މަދުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވައި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި މީގެ އިތުރުން ބަދަހި، އަމާން މުޖުތަމައެއް ބިނާކުރުމަކީ ވެސް މި ހަރަކާތުގެ މަގްސަދެކެވެ.
މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ އުޅަނދުގައި ދުއްވާފައި ދިޔަ މީހުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅުނު މީހުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެގޮތުން ފުލުހުން ވަނީ، އުޅަނދު ދުއްވާއިރު ތިމާއާއި އަނެކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންތައްތައް އޮޅުންފިލުވާދީފައެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް ނުދުއްވުމަށާއި، ނުރައްކާތެރިކޮށް ސައިކަލާއި ކާރު ނުދުއްވުމަށް އިލްތިމާސްކުރައްވާފައެވެ. ހަމައެހެންމެ މަގުހުރަސްކުރާ މީހުންނަށް އިސްކަންދީ، ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ހަމައެހެންމެ، ހިނގާބިނގާވެ އުޅޭ މީހުން ވެސް ދުއްވާ މަގުގައި ދުއްވާ އުޅަނދުތަކަށް ސަމާލުކަންދިނުމަށާއި، މަގުހުރަސްކުރާނަމަ މަގުގެ ދެކޮޅު ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މަގުމަތީގައި ހިންގާ ނުރައްކާތެރި ހާދިސާތަކަކީ މުޖުތަމައަށް އޮތް ކަންބޮޑުވުމަކަށްވާއިރު، އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.