ޚަބަރު
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރެވުނު މީހާ. ފޮޓޯ: ފުލުހުން
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ހައްޔަރުކޮށްފިއެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ، އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން މި މަގުފެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަނަކީ، ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެ ޕޮލިސް ސްޓޭޝަނުންން ކުރަމުން އަންނަ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަން ފުލުހުން ފާހަގަކުރައްވައެވެ. އޮޕަރޭޝަނުގެ ތެރެއިން ސ. މަރަދޫ / ފާގަތިގެ ފުލުހުން ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ތަކެތި ހޯދާފައިވަނީ އައްޑޫ ސިޓީގެ އެކި ގެތަކުން ވައްކަންކޮށްގެން މީހުންނަށް ވިއްކާފައި ވަނިކޮށެވެ. މީގެ ތެރޭގައި މަސައްކަތްކުރަން ބޭނުންކުރާ ސާމާނާއި، ކާޗަރ މެޝިނާއި، ސްޕީކަރުގެ އިތުރުން އަލިކުރާ ބައްތި ފަދަ ސާމާނުތައް ހިމެނެއެވެ. ފުލުހުން މިހާރު ވަނީ މީގެ ތެރެއިން ބައެއް ތަކެތި އޭގެ އަސްލު ވެރިފަރާތްތަކާ ރައްދުކޮށްދީފައެވެ.
މި މައްސަލައާ ގުޅިގެން ސ. މަރަދޫ / ފާގަތި، ޢަބްދުﷲ ޢުމަރު (58އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
ވަގަށް ނަގާފައިވާ މުދާ އެކި ފަރާތްތަކުން ގަތުމުން ދުރުހެލިވުމަށާއި، ޝައްކު އުފެދޭ ފަދަ ގޮތަކަށް ނުވަތަ އާދަޔާ ޚިލާފަށް އަގުހެޔޮކޮށް އެއްޗެއް ވިއްކާނަމަ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.