ޚަބަރު
ވިލުފުށީގެ އަސާސީ ހިދުމަތްތައް ތަރައްގީކުރުމަށް މަޝްވަރާތަކެއް
މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ތ. ވިލުފުށީގެ އަސާސީ ހިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، އަލީ ޝަރީފް، އެ ރަށުގެ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، އެ ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާތައްކޮށްފައިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ވިލުފުށީގެ ފެނާއި ނަރުދަމާގެ ނިޒާމާއި، އެ ރަށުގެ ހަކަތައިގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
ވަޒީރު އަލީ ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށް ދެއްވާ ހާއްސަ ސަމާލުކަން މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވިލުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ތިމާވެއްޓާއި ހަކަތައާ ގުޅުންހުރި ދަތިތައް ހައްލުކޮށްދެއްވުމަށް އެ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވިލުފުށީ ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ވަނީ، ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ވުޒާރާއާ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، ރަށުގެ ކަރަންޓުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމާ ބެހޭގޮތުން ދެ ފަރާތުގެ މެދުގައި ފުންކޮށް ވާހަކަދެކެވުނެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ ވިލުފުށީގެ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި، މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވަމުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
Minister of Climate Change, Environment and Energy Ali Shareef met with the Vilufushi Council to discuss the development of water, sewerage, and energy services, with a shared commitment to improving essential infrastructure for the island. pic.twitter.com/OojdUsPbK9
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 6, 2026