Ads by Farudhun

ޚަބަރު

ރިސަރޗް ލައިބްރަރީއަކާއެކު އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތް ސެޕްޓެމްބަރު މަހު ހުޅުވަނީ

ރިސަރޗް ލައިބްރަރީއަކާއެކު އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތް ސެޕްޓެމްބަރު މަހު ހުޅުވަނީ

"މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" މިސްކުތުގެ މަސައްކަތް ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2026، 02:02

07 އޯގަސްޓު 2026، 02:02

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، ރިސަރޗް ލައިބްރަރީއަކާއެކު އަމިއްލަ ފަރާތަކުން ބިނާކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" މިސްކިތް އަންނަ ސެޕްޓެމްބަރު މަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ހުޅުމާލޭގެ ފޭސް 1 ގެ ރެޑްވޭވް ކައިރީގައި ކުރިން ހުރި ވަގުތީ މިސްކިތުގެ ބަދަލުގައި ބިނާކުރާ މި މިސްކިތަކީ، އަލްމަރުޙޫމް ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހު އަމަލީ މަސައްކަތް ފެށި މި މިސްކިތުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާރު މުޅި މަޝްރޫޢުގެ %86 މަސައްކަތް ވަނީ ނިމިފައެވެ.

މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން މެނޭޖުކުރާ މި މަޝްރޫޢުގެ ދަށުން ބިނާކުރާ މި މިސްކިތަކީ ދެ ބުރީގެ އިމާރާތެކެވެ. މި މިސްކިތުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، އިސްލާމީ ދިރާސާތައް ކުރަން ބޭނުންވާ ފަރާތްތަކަށާއި ކިޔަވާ ކުދިންނަށް އަމާޒުކޮށް ފޮތްކިޔައި، އެސައިންމަންޓްތައް ހެދޭނެ ފަދަ ފުރިހަމަ ރިސަރޗް ލައިބްރަރީއެއް ހިމެނުމެވެ. މިއީ ހުޅުމާލޭގައި މިފަދަ ލައިބްރަރީއަކާއެކު ގާއިމުކުރެވޭ ފުރަތަމަ މިސްކިތެވެ.

މިސްކިތުގެ ޖާގައަށް ބަލާއިރު، އެތެރެއާއި ބޭރު ހިމެނޭހެން އެއްފަހަރާ 2،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެއެވެ. މީގެއިތުރުން އަންހެނުންނަށް ނަމާދުކުރުމަށް ޚާއްޞަ ޖާގައަކާއި ފާޚާނާބަރިއެއް މިސްކިތުގައި ހިމެނެއެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ މި މިސްކިތަކީ ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދީ، އޭސީ ކުރެވިފައިވާ ތަނެކެވެ.

ކީރިތި ރަސޫލާ ﷺ ގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނުގެ ނަންފުޅަށް ނިސްބަތްކޮށްފައިވާ މި މިސްކިތް ހުޅުވުމުން، އެތަނުގައި ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިސްކިތް ބިނާކުރާ ފަރާތުގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހު މަސައްކަތް ނިންމައި، 2026 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށްދާއިރު މިސްކިތުގެ ބޭނުން ފުރިހަމައަށް ހިފޭނެ ގޮތް ހެދުމެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450