ޚަބަރު
ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް: އަލީ ޒުހައިރު
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ވަގުތު
ހުޅުމާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބެލެހެއްޓުމަކީ ހަމައެކަނި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެވެސް ޒިންމާއެއް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ، ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ދިވެހިން އުޅޭއިރު އެއީ ވަރަށް ސާފުތާހިރު ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކަމަށެވެ. އަދި ދިވެހިންނަކީ އާންމުކޮށްވެސް ހިތްހެޔޮ، ހިނިތުންވުމާއެކު މީހުންނާ ބައްދަލުކުރާ ސާފުތާހިރު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒުހައިރުގެ ވާހަކަފުޅުގައި، ރަށްރަށުގެ ވެށި ސާފުކޮށް ބެލެހެއްޓުމުގައި ދިވެހިން ޒަމާނުއްސުރެ ގެންގުޅެމުން އައި ރީތި އާދަކާދަތަކަށް އަލިއަޅުވާލެއްވިއެވެ.
"ވަރަށް ހިތްހެޔޮ ހިނިތުންވެފައި ތިބޭ ސާފު ތާރިހު ބައެއް. ސާފުތާރިހުކަމާއި ގުޅިފައިވަނީ އަޅުގަނޑުމެންގެ ވެށީގެ ސާފުތާހިރުކަމާ. އަޅުގަނޑުމެންނަކީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އެތަނެއް ސާފުކޮށްގެން އުޅޭ ބައެއް. ކޮމިއުނިޓީ އެންމެން ނުކުމެ އެތަން ސާފުކުރުމުގެ މަސައްކަތް ކުރާ ބައެއް ދިވެހިންނަކީ. ރަށްތަށް ބަލަހަށްޓަމުން ގެންދަނީ އެ ކޮމިއުނިޓީން. މަދިރި ގިނަވެއްޖިކަމަށްވާނަ ވެސް އެ ކޮމިއުނިޓީން ނިކުމެ ބޭސް ޖަހާ ތަން ސާފު ކުރަނީ. އެއީ އަޅުގަނޑުމެންގެ އާދަކާދަ. އެއާދަތައް ނެތެމުންދާތީ ދިމާވާ މައްސަލަތައް މި ދިމާވަމުން ދަނީ،".
ޒުހައިރު ވިދާޅުވިއެވެ.
ނަމަވެސް މިފަދަ ރީތި އާދަތައް މުޖުތަމައުން ނެތެމުންދިއުމަކީ ތަފާތު މައްސަލަތައް ކުރިމަތިވާ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 2 އަކީ މިހާރުވެސް ގާތްގަނޑަކަށް 40،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ބޮޑު އާބާދީއެއް އޮތް ސަރަހައްދެއްކަން ފާހަގަކުރައްވައި، އެމްޑީ ވިދާޅުވީ އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އެޗްޑީސީ ނުވަތަ އެފްޑީސީން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
އެޗްޑީސީގެ މި ކޮމިއުނިޓީ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ހިތްގައިމު، ސާފުތާހިރު އަދި ދުޅަހެޔޮ މާހައުލެއް ބިނާކޮށްދިނުން ކަމަށް ޒުހައިރު ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ސާފުކޮށް ބެހެއްޓުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
"މަދިރިން ރައްކާ" ކެމްޕޭނަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އަމާޒުކޮށްގެން އެޗްޑީސީން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އަމާން ދޯދި ޓަވަރުތައް ކައިރިން ގިނަ އަދަދެއްގެ ކުނި ވަނީ ނަގައި ސާފުކޮށްފައެވެ.