ޚަބަރު
އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ އިހުތިފާލުތަކަށް އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އުތީމަށް ވަޑައިގެންނެވުން - ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ އިހުތިފާލުތައް ބޭއްވުމަށް ހަމަޖެހިފައިވާ ހއ. އުތީމުގައި، އެ ދުވަހަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
"ފަރުދުން" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަބްދުﷲ ރަޝީދު ވިދާޅުވީ، އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި، ކައުންސިލާއި ރަށުގެ ރައްޔިތުން އަދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގައުމީ ދުވަސް ނިސްބަތްވާ މުހައްމަދު ތަކުރުފާނު (ޣާޒީ ބަންޑާރައިން) އުފަންވެވަޑައިގަތް ފަސްގަނޑުގައި މިދިޔަ އަހަރާއި މި އަހަރު ރަސްމީކޮށް މި ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ރަށުގެ ރައްޔިތުން އިންތިހާއަށް އުފާކުރާ، ފަހުރުވެރިވާ ކަމެކެވެ.
މި އަހަރުގެ ގައުމީ ދުވަހާ ގުޅިގެން އުތީމުގައި ހުރި ތާރީޚީ އާސާރުތައް އާބާތުރަ ފިލުވުމުގެ މަޝްރޫއެއް ވަނީ ހިންގާފައެވެ. އެގޮތުން ބޮޑުތަކުރުފާނުގެ ގަނޑުވަރު އާބާތުރަފިލުވުމުގެ އިތުރުން، ރާއްޖޭގައި އަލަށް ބިނާކުރި "ސްޓޯރީ ޕާކު" މަސައްކަތް ވަނީ ނިންމާފައެވެ. ކަދުވަލު މިސްކިތް ހުންނަ ސަރަހައްދުގައި ތަރައްގީކުރި މި ޕާކަކީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގެ ވާހަކަ ފެށުނީއްސުރެ ނިޔަލަށް ފެންނާނެހެން ފަރުމާކޮށްފައިވާ ތަނެކެވެ. އަހަރަކު 40،000 އެއްހައި މީހުން ގަނޑުވަރު ބަލައިލުމަށް ޒިޔާރަތްކުރާއިރު، މި ޕާކު ވެގެންދާނީ ޒިޔާރަތްތެރިންނަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ ތަނަކަށެވެ.
މީގެ އިތުރުން ރަށުގެ ބަދަރު ސަރަހައްދުގައި "ބޮޑުތަކުރުފާނު ގޭޓް" ބިނާކުރުމާއި، ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ކައުންސިލުގެ އިސްނެންގެވުމުގެ މަތިން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. އަމަލީ މަސައްކަތްތަކުގައި އާރް.ޑީ.ސީ (RDC) ގެ އެހީތެރިކަން ލިބެމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ.
މި އަހަރުގެ ގައުމީ ދުވަސް ހުކުރު ދުވަހާ ދިމާވާތީ، ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު ހެނދުނު އުތީމަށް ވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ގައުމީ ހިދުމަތުގެ އިނާމާއި ގައުމީ ޝަރަފުގެ އިނާމު ދެއްވުމަށް ހަމަޖެހިފައިވާތީ، މިއީ މާލެއިން ބޭރުގައި މިފަދަ އިނާމުތަކެއް އަރުވާ ފުރަތަމަ ފަހަރު ކަމަށް ވާތީ އެކަން އުތީމަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ. ޖަލްސާއަށްފަހު ހާއްސަ ޖާފަތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
އަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އެއްމަސް ދުވަހު ހުއްޓުމެއްނެތި ކުރި މަސައްކަތުގައި ރަށުގެ ރައްޔިތުންގެ 100 އިންސައްތަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. ރައްޔިތުންގެ އެހީތެރިކަމާ ނުލައި މިފަދަ ބޮޑު އިންތިޒާމެއް ފުރިހަމަ ނުކުރެވޭނެކަން ފާހަގަކުރައްވައި، އުތީމު އޮތީ މުޅި ރާއްޖެއަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.