ޚަބަރު
އަމީނީ މަގުގެ މަސައްކަތާ ގުޅުވައި "އަސްލު ޓީވީ" އިން ފެތުރީ ދޮގު ޚަބަރެއް: އެމްޓީސީސީ
އެމްޓީސީ ބިލްޑިންގް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މާލޭގެ އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތާ ގުޅުވައިގެން "އަސްލު ޓީވީ" އިން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ހަގީގަތެއް ނެތް، ބުޚުތާނު ދޮގު މައުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށް ބުނެ އެމްޓީސީސީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިއަދު އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، "އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިހުމާލުން، ރައްޔިތުން ރަތަށް" މި މައުޟޫއަށް އަސްލު ޓީވީން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ކުންފުނީގެ އަބުރު ކިލަނބުކޮށްލުމަށް އާންމުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި އަމީނީ މަގުގައި އެ ކުންފުނިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ، އެ މަގުގެ ހެންވޭރުކޮޅުން ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތީން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދުގެ ސަބްބޭސް އާއި ތާރު އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 9 ފެބްރުއަރީ 2023 ގައެވެ. އަދި އެ މަސައްކަތް 16 ފެބްރުއަރީ 2023 ގައި އެއްކޮށް ނިންމާލާފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
"މިފަދަ ވީޑިއޯ ރިޕޯޓެއް ޝާއިޢުކުރުމުގެ މަޤުޞަދަކީ މިކުންފުނީގެ މުވައްޒަފުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު އަދި ރީތި ނަން ކިލަނބުކުރުން ކަމަށް މި ކުންފުނިން ދެކެމެވެ،"
ބަޔާނުގައިވެއެވެ.
މިއީ ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފައްދައި، ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް މާލީ ގޮތުން ގެއްލުން ދިނުމުގެ އަމަލެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ، އެ ކުންފުނިން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަނީ ފަންނީ މާހިރުންގެ ލަފަޔާ އެކު، ރައްޔިތުންގެ ހެވާއި ލާބައަށް އިސްކަންދީގެން ކަމަށެވެ. އަދި ހަގީގަތް ބެލުމެއް ނެތި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވައިދެއްވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. އަދި އަސްލު ޓީވީން އާންމުކުރި މި ވީޑިއޯގެ މައްސަލައިގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުންފުނީގެ ގާނޫނީ ޓީމުން މިހާރު ފަށާފައިވާ ކަމަށްވެސް އެމްޓީސީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.