ޚަބަރު
މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި: ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ
ކަނޑު ގަދަވެ ވައި ގަދަވުން - ފޮޓޯ: ފަރުދުން
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. މިއީ ރާއްޖެއަށް އަންނަ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރައެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަ ދުވަސްވަރަކަށް ވުމުން، މޫސުން އެއްކޮށް އަލިވާނެ ދުވަހެއް ލަފާކުރަން އަދި ދަތި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.