Ads by Farudhun

ޚަބަރު

ނައިފަރުގެ ސަގާފީ އަދި އަދަބީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ހީނާ ވަލީދު

ނައިފަރުގެ ސަގާފީ އަދި އަދަބީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ހީނާ ވަލީދު

މިނިސްޓަރު ހީނާ ވަލީދު - ފޮޓޯ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 އޯގަސްޓު 2026، 02:32

08 އޯގަސްޓު 2026، 02:32

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން، ރަށްރަށުގެ ހުނަރުތައް ތަރައްގީކުރުމަށާއި ސަގާފަތް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ނައިފަރު ކައުންސިލަށް ބޭނުންވާ ފަންނީ ލަފަޔާއި އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ނައިފަރުގައި ބޭއްވި "ނައިބޮލި މަދަހަ މުބާރާތް" ނިންމުމުގެ ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ ދިވެހިންގެ ހުނަރުތައް ތަރައްގީކުރުމާއި، ގައުމީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކުގައި ދިވެހި ބަހާއި، ފަންނާއި، ސަގާފަތާ ގުޅުންހުރި ކަންކަމަށް އިސްކަންދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިފަދަ ކޮންމެ ކަމެއްގައި ކައުންސިލުން އިސްކަންދެއްވާ ދާއިރާތަކުގެ ތެރޭގައި އަޅުގަނޑުމެން ދިވެހި ބަހާއި ގުޅުންހުރި ދާއިރާތަކާއި އަޅުގަނޑުމެންގެ ފަންނާއި ގުޅުން ހުރި ދާއިރާތަކާ ހަމައެހެންމެ އަޅުގަނޑުމެންގެ ސަގާފަތާއި ގުޅުންހުރި ދާއިރާތަކަށް އިސްކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް،"

ހީނާ ވިދާޅުވިއެވެ.

ނައިފަރުގެ އިލްމީ އަދި އަދަބީ މުއްސަނދިކަމަށް އަލިއަޅުވާލައްވަމުން ހީނާ ވިދާޅުވީ، ނައިފަރަކީ އިސްލާމްދީނަށާއި އަދަބިއްޔާތަށް ލޯބިކުރާ އެތައް ދަރިންނެއް އުފަންވެފައިވާ ރަށެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ދިވެހި ޅެންވެރިކަމުގެ ތާރީޚުގައި ނައިފަރުގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި އަދަބީ ޅެންވެރިކަމުގައި "ޅެން" މިކިޔާ ބާވަތުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވި އައްޝައިޚް އަލްމަރްޙޫމް ހުތް އަލިދީދީ އާއި، އެމަނިކުފާނުގެ ދަރިކަލުން، ޅެންވެރިކަމުގެ އަލިގަދަ ތަރި ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢަބްދުﷲ ޖަލާލުއްދީން ނައިފަރީގެ ނަންފުޅު ހީނާ ފާހަގަކުރެއްވިއެވެ.

ހީނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ގައުމިއްޔަތާއި ސަގާފަތް އާލާކޮށް ކުރިއެރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނައިފަރުން އަދަބީ އަދި ފަންނީ ދާއިރާތަކުން އިތުރު ކުރިއެރުންތައް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450