Ads by Farudhun

ޚަބަރު

މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން 11.5 މިލިއަން ރުފިޔާ ފޭރިގެންފައިވޭ: ފުލުހުން

މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން 11.5 މިލިއަން ރުފިޔާ ފޭރިގެންފައިވޭ: ފުލުހުން

ސްކޭމްގެ މައްސަލަތަކުގެ ޝަކުވާތައް އަންނާތީ ފުލުހުން ދަނީ ސަމާލުވުމަށް އިލްތިމާސްކުރަމުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޯގަސްޓު 2026، 03:18

09 އޯގަސްޓު 2026، 03:18

މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެކި ބާވަތުގެ ސްކޭމް ނުވަތަ މަކަރާއި ހީލަތުގެ މައްސަލަތަކުގައި 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ފޭރިގެންފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

 ފުލުހުންނަށް ހުށަހެޅިފައިވާ 1,258 މައްސަލައަކަށް ބަލާއިރު، ޖުމްލަ ގެއްލުމުގެ އަދަދު އުޅެނީ 11,532,211.09 ރުފިޔާގައެވެ.

މި މައްސަލަތަކުގެ ތެރެއިން ފުލުހުންނަށް މިހާތަނަށް އަނބުރާ ހޯދިފައިވަނީ 4.4 މިލިއަން ރުފިޔާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 605 މައްސަލައެއްގައި ގެއްލުނު ފައިސާ އެއްކޮށް ހޯދިފައިވާއިރު، 240 މައްސަލައެއްގައި ގެއްލުނު ފައިސާގެ ބައެއް ވަނީ ހޯދިފައެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެއީ ޖުމްލަ 685 މައްސަލައެވެ.

ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން އީ-ކޮމާސްގެ އިތުރުން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ 190 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ 172 މައްސަލައެއްގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްތަކާއި ލޯބީގެ ސްކޭމްތައް ވެސް ހިމެނެއެވެ. މިފަދަ ޖަރީމާތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލްތަކާއި، އައިބޭ އަދި ފޭސްބުކް މާކެޓް ޕްލޭސް ފަދަ މަންސަތަކެވެ.

ސަރަހައްދީ ގޮތުން ބަލާއިރު އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެއިން 400 މައްސަލަ ހުށަހަޅާފައިވާއިރު، ރ. އަތޮޅުން 79 މައްސަލަ އަދި އައްޑޫ ސިޓީން 71 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޭމްތަކުގެ ޝިކާރައަކަށްވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. ގެއްލުން ލިބުނު މީހުންގެ 62 އިންސައްތައަކީ ފިރިހެނުން ކަމަށްވާއިރު، އުމުރުފުރާގެ ގޮތުން ބަލާއިރު 36 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް ލިބޭ ގެއްލުން ބޮޑެވެ. ހަމައެހެންމެ، މިފަދަ ސްކޭމްތައް ރާވައި ހިންގުމުގައި ވެސް އެންމެ އިސްކޮށް އުޅެނީ 36 އަހަރުން މަތީގެ ފިރިހެނުންކަން ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން އިލްތިމާސްކުރަނީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި އިތުރަށް ސަމާލުވުމަށާއި، ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 އަށް ގުޅައި ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް އޮތް އެންމެ ފަހި މަގު ކަމަށް ފުލުހުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450