Ads by Farudhun

ޚަބަރު

އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދުން މިހާތަނަށް 670 ޓަނުގެ ކުނި އުކާލައިފި

އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދުން މިހާތަނަށް 670 ޓަނުގެ ކުނި އުކާލައިފި

އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދުން ކުނި އުކާލަނީ ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2026، 05:41

09 އޯގަސްޓު 2026، 05:41

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހުޅުމާލޭގެ އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ބާއްވައިފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސަރަހައްދުން މިހާތަނަށް 670 ޓަނުގެ ކުނި ވަނީ އުކާލާފައެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެ ސަރަހައްދުގައި މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމެވެ.  މި މަސައްކަތުގައި، އަމާން ދޯދި 11 އިން ފެށިގެން 14 ވަނަ ޓަވަރާ ހަމައަށް ހުރި ކުނިތައް ބާވަތްތަކަށް ވަކިކޮށް، މުޅި ސަރަހައްދު އެއްކޮށް ވަނީ ސާފުކޮށްފައެވެ.

މި ސާފުކުރުމުގެ ހަރަކާތުގައި އަމާން ޓަވަރުތަކުގެ ރައްޔިތުންނާއެކު ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވިއެވެ.

މި ހަރަކާތުގެ ތެރެއިން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން ވަނީ މަދިރިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ނުރައްކާތެރި ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުނި ރަނގަޅަށް މެނޭޖްކުރުމާއި ފެން ހަރުލާ ތަންތަން ނައްތާލުމަކީ ނުހަނު މުހިންމު ކަމެކެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ކާމިޔާބުވަނީ ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭތީ ކަމަށެވެ. އަދި އަމާޒަކީ ހުޅުމާލެއަކީ އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން އިތުރަށް ބުނީ، މި މަސައްކަތް ނިމުމުން އެ ސަރަހައްދު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ރޭވިފައިވާކަމަށެވެ. އެގޮތުން، ޖޯލިފަތިތަކާއި ބައްތިތައް ހަރުކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް އެ ސަރަހައްދުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެފްޑީސީން މީގެ ކުރިންވެސް "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން 2025 އިން 2026 އާ ހަމައަށް ހިންގި ހަރަކާތްތަކުގައި ޖުމްލަ 5,040 ޓަނުގެ ކުނި އުކާލާފައިވާއިރު، މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

"މަދިރިން ރައްކާ" ކެމްޕޭނަކީ ހުޅުމާލޭގެ ރައްކާތެރިކަމަށްޓަކައި އެޗްޑީސީން ސިލްސިލާކޮށް ހިންގާ ހަރަކާތެކެވެ. މީގެ ދަށުން ރަށުތެރެ ސާފުކުރުމާއި ފޮގް ކުރުން ފަދަ މުހިންމު މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450