Ads by Farudhun

ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރެވޭ އިސްލާހު މަޖިލީހުން ބަލައިގެންފި

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރެވޭ އިސްލާހު މަޖިލީހުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޯގަސްޓު 2026، 01:45

10 އޯގަސްޓު 2026، 01:45

ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު އަމިއްލަ ގޮތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މެންބަރު ޢަބްދުލްޙަންނާނު ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމަކީ ވެސް މި އިސްލާހުގެ މައިގަނޑު މަގުސަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ނަމަ، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. މީގެ އިތުރުން، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރަން ފެށުމުގެ ކުރިން ވެސް މިފަދަ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު މި އިސްލާހުން ލިބިދެއެވެ.

ބިލުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށެވެ. އަދި "މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުމާއި، މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެންވާނެ ކަމެއް ނޫން" ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، ބިލު ބަލައިގަންނަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. މަޖިލީހުން މި ބިލު ބަލައިގަތުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450