Ads by Farudhun

ޚަބަރު

މައި ކެރިއަރ ޕޯޓަލް: ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ތައުލީމީ އިދާރާތަކާއި ވެސް ގުޅުވާލަދޭ

މައި ކެރިއަރ ޕޯޓަލް: ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ތައުލީމީ އިދާރާތަކާއި ވެސް ގުޅުވާލަދޭ

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޝަހީދާ ޢަލީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޯގަސްޓު 2026، 03:18

10 އޯގަސްޓު 2026، 03:18

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު އިފްތިތާޙުކުރި "މައި ކެރިއަރ ޕޯޓަލް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ތައުލީމީ އިދާރާތަކާއި ވެސް ގުޅުވާލެވިގެންދާނެ ކަމަށް އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޝަހީދާ ޢަލީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން، ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މި ޕޯޓަލްއިން ލިބިގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޝަހީދާ ޢަލީ ވިދާޅުވީ، އެ ޕޯޓަލުގައި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ތައުލީމުދޭ އިދާރާތައް ވެސް ވަނީ ރަޖިސްޓްރީވެފައި ކަމަށެވެ. އެހެންކަމުން، އެ އިދާރާތަކުން ކުރިއަށްގެންދާ ޕްރޮގްރާމުތައް ވެސް ޕްލެޓްފޯމުގެ ތެރެއިން ފެނިގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. 

ޕޯޓަލުގެ ސަބަބުން، ސްކޫލު ނިންމާ ކުދިންނަށާއި، މުސްތަޤުބަލުގައި ކުރިއަށްދާނެ ދާއިރާ ނޭނގޭ ކުދިންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން، އެކުދިންނަށް އޮންލައިންކޮށް ކެރިއަރ ގައިޑެންސް ލިބިގެންދާނެ ކަމަށާއި، ކެރިއަރ ގައިޑެންސް ކޮންސަލްޓަންޓުންނާއެކު މަޝްވަރާކުރުމަށް ޕޯޓަލުގެ ސަބަބުން މަގުފަހިވެގެންދާ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. 

މި ޕްލެޓްފޯމަކީ، އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށާއި، އެކި ކަހަލަ ހުނަރުތައް އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އޭގެ ސަބަބުން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ޕްލެޓްފޯމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ފަރާތްތަކުން ބޭނުންވާ ވަޒީފާގެ ދާއިރާއިން ކުރިއަށް ދިއުމަށް ޓަކައި، ބޭނުންވާނޭ ހުނަރުތައް ކެރިއާރ ގައިޑެންސް ކޮންސަލްޓަންޓުން ބުނެދޭނެ ކަމަށާއި، ޕޯޓަލުގައިވާ އިންސްޓިޓިއުޓްތަކުން، އެ ކޯސްތައް ހެދޭނީ ކޮން ތަންތަނެއްގައިކަން ބުނެދޭނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ އެހެން ޕްލެޓް ފޯމުތަކާއި އަޅާބަލާއިރު، މިއަދު އިފްތިތާޙުކުރި "މައި ކެރިއަރ ޕޯޓަލް"ގައި ހުރި ތަފާތަކީ، ވަޒީފާއަކަށް އިއުލާނުކުރެވިގެންދާއިރު، ޕޯޓަލުގައި ރަޖިސްޓަރވެފައިވާ ކުދިންގެ ތެރެއިން، އެ އިއުލާނުގައި ހުރި ޝަރުތުތައް ހަމަވާ ކުދިންގެ ލިސްޓު، ވަޒީފާދޭ ފަރާތަށް ފެނިގެންދިއުން ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކުން ފުރަތަމަ ޕޯޓަލުގައި ޕްރޮފައިލް ހަދާއިރު، ވަޒީފާ ބޭނުންވާ ދާއިރާތައް ފާހަގަކުރެވޭނެ ކަމަށާއި، އެ ފަރާތްތަކުން އަޕްލޯޑުކޮށްފައި ހުންނަ ކޮލިފިކޭޝަންތަކަށް ބެލުމަށްފަހު، އޮޓޯއިން އެ ފަރާތްތައް ވަޒީފާތަކާއި މެޗުވެގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. 

އަދި ވަޒީފާ ހޯދާ ފަރާތްތަކުން ކޮންމެ ދުވަހަކު ޕޯޓަލް ބަލާކަށް ނުޖެހޭނެ ކަމަށާއި، ވަޒީފާއަކާއި މެޗުވުމުން ނުވަތަ ދާއިރާއާއި އުޅޭ ވަޒީފާއެއް އިއުލާނުކުރެވުމުން، މެއިލަށާއި ފޯނަށް ނޮޓިފިކޭޝަނެއް ލިބޭނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން، އެ ވަޒީފާއެއް އިއުލާނުކޮށްފައިވާކަން އެ ފަރާތްތަކަށް އެނގިގެންދާނެއެވެ. އަދި ވަޒީފާދޭ ފަރާތަށް ވެސް، ޝަރުތު ހަމަވާ ކުދިންގެ ލިސްޓު ފެނިގެންދާނެއެވެ. މިއީ ވަޒީފާގެ ބާޒާރަށް ފަސޭހަވެގެންދާނެ ކަމެއްކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އެތަށް ފަހަރެއްގެ މަތިން އެޕްލައިކޮށްގެން ވެސް ވަޒީފާއެއް ނުލިބޭ ކުދިންނަށް ޕޯޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ވަޒީފާ ނުލިބޭ ސަބަބު ހޯދައި، އިތުރަށް ބޭނުންވާ ހުނަރުތައް ދެނެގަނެ، އެ ދާއިރާއިން ކުރިއަށް ދިއުމަށް ޓަކައި އިތުރަށް ކުރެވެންހުރި ކަންތައްތައް ވެސް ހޯދިގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ނޭޝެނަލް ކެރިޔާރ ސާވިސްގެ ޚިދުމަތްދޭ ސެންޓަރުތައް ވަނީ ގާއިމުކޮށްފައެވެ. އެއީ ކުޅުދުއްފުށި ސިޓީ، ލ. ގަން، އައްޑޫ ސިޓީ ހިތަދޫ، ރ. ދުވާފަރު އަދި ކ. ހުޅުމާލެއެވެ. މި ސެންޓަރުތަކަށް ޒިޔާރާތްކޮށްގެން މިކަމާއ ގުޅޭ އިތުރު މައުލޫމާތުތައް ހޯދޭނެ ކަމަށާއި، ޕޯޓާލް މެދުވެރިކޮށް ވެސް އެ ހިދުމަތް ލިބިގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. 

ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450